ޚަބަރު

ހޫނުގަދަ ދުވަސްތަކަކަށްފަހު، އަންގާރައިން ފެށިގެން ވިއްސާރަ


  • ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނީ ދެކުނާއި މެދުރާއްޖެތެރެއަށް

އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެނީ އަންގާރަ ދުވަހު މެންދުރު ފަހުކަމަށް މެޓުން ލަފާކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން މި ހަފުތާގައި މޫސުން ލަފާކުރާގޮތަށް ބަލާއިރު ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ. އަދި ބުދަ ދުވަހު އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުނޅަގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މެޓުން ވިދާޅުވީ މި ހަފުތާ ވިއްސާރަކުރިއަސް ހޫނު މޫސުން އަދިވެސް އޮތީ ކުރިއަށް ކަމަށެވެ. ދޭތެރެއަކުން ވިއްސާރަ ކުރިޔަސް، އެޕްރީލް މަހުގެ ނިޔަަލަށް ހޫނުގަދަ ވާނެ ކަމަށެވެ. އަދި މި ވިއްސާރައަކީ ދިގުދެމިގެން ދާނެ ވިއްސާރައެއް ނުން ކަމަށްވެސް މެޓުން ވިދާޅުވެއެވެ.

މި ހަފުތާގައި ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިއީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. އެގޮތުން މިދިޔަ މަހުން ފެށިގެން އިޙްސާސް ކުރެވޭ ހޫނުމިން
ވަނީ މަތިވެފައެވެ. އަދި މިދުވަސްވަރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އިޙްސާސް ކުރެވޭ ހޫނު މިން ހުރީ 37 ޑިގްރީ ސެލްސިއަސްވުރެ މަތީގައެވެ.