ޚަބަރު

ޚަރަދުކުޑަކުރަން ޕީޖީގެ މުވައްޒަފުން އަންގާރަ ދުވަހު މަސައްކަތްކުރާނީ ގޭގައި!


  • ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީން ވަނީ ނިންމަވާފައި

  • ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވާގޮތަށް ވަނީ ނިންމާފައި

  • މި ބަދަލުތައް ގެންނާނީ މޭމަހުގެ ނިޔަލަށް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހެއްގައި ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ކަނޑައަޅައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މިގޮތަށް ކަނޑައެޅީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުންކަމަށެވެ.

އެގޮތުން 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް ޕީޖީ އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ. އެ ބަދަލުތަކަކީ:

1. ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
2. ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
3. އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
4. ކަރުދާސް ބޭނުންކުރުން މަދުކުރުން
5. އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން

މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު ޕީޖީ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެއެވެ.

ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ހަމައެހެންމެ އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ނިންމާފައެވެ.

މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.