ނ. މަނަދޫގައި ސަރުކާރުން ޢިމާރާތްކޮށްދެއްވާ ޔޫތު ސެންޓަރ ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏެއްކަމަށްވާ ޑެއިލީ ނިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރައްވައިފިއެވެ.
މަނަދޫގައި ޔޫތު ސެންޓަރުގެ މަސައްކަތާ ގުޅޭގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް ޢަބްދުއްރަޙްމާން ޞަބީޙް ވިދާޅުވީ މި ޢިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބައްސަވާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި ޢިމާރާތް ރޭނުމާއި ހިޔާކުރުމުގެ މަސައްކަތް ހިމެނެއެވެ. img:http://s2.psmnews.mv/images/660x400/14751452355138.jpg|ނ.މަނަދޫ ޒުވާނުންގެ މަރުކަޒު ޑިޒައިން - މަނަދޫ ކައުންސިލް
މި މަސައްކަތަށް ގާތްގަނޑަކަށް ނުވަސަތޭކަހާސް ރުފިޔާ ޚަރަދުވާނެކަމަށް މަނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މަނަދޫގައި ޔޫތު ސެންޓަރ ޢިމާރާތްކުރެވޭ ހޯލްގައި އިންޑޯ ބައެއް ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި، އަދި މީޓިންތަކާއި ވަރކްޝޮޕްތައް ބޭއްވުމުގެ ފުރުޞަތު އެ ސެންޓަރގައި ބޭއްވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މަނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މި ޔޫތް ސެންޓަރ ނިމޭއިރު އެތަނުގައި އިދާރީ އޮފީހަކާއި ތަކެތި ރައްކާކުރާނެ ގުދަނަކާއި ޖިމެއް ހުންނާނެކަމަށް މަނަދޫ ކައުންސިލުން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14751452572648.jpg|ނ.މަނަދޫ ޒުވާނުންގެ މަރުކަޒު ޑިޒައިން - މަނަދޫ ކައުންސިލް
މި ޢިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މަނަދޫ ޔޫތު ސެންޓަރުގެ މަސައްކަތަކީ ސަރުކާރުގެ ޚަރަދުގައި ހިންގަވާ ޕްރޮޖެކްޓެކެވެ. މަނަދޫ ޔޫތު ސެންޓަރގެ މަސައްކަތް 2017 ވަނަ އަހަރު ނިންމާ ބޭނުން ކުރެވޭނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ޔޫތު ސެންޓަރ ޢިމާރާތް ކުރުމުގެ އިތުރުން ވޮލީ ކޯޓެއް ޤާއިމް ކުރުމަށްވެސް ވަނީ ބަޔަކާ ޙަވާލުކުރައްވާފައެވެ. މި ޕްރޮޖެކްޓް ޙަވާލުކުރައްވާފައިވަނީ ވުޑްހިޔާ ވަރކްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި ޕްރޮޖެކްޓަށް ގާތްގަޑަކަށް ސަތޭކަ ހަތްދިހަ ނުވަހާސް ރުފިޔާ ޙަރަދުވާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.