ޚަބަރު

ވޯލްޑް ކަޕުގައި "އައިސް"ގެ ދައުރު ހަނިކޮށްދޭން ފީފާގައި އެދިއްޖެ


  • މުބާރާތް ހޯސްޓުކުރަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި

  • މުބާރާތުގެ 104 މެޗުގެ ތެރެއިން 78 މެޗު ކުޅޭނީ އެމެރިކާގައި

އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕުގެ އެއް ހޯސްޓު ކަމަށްވާ އެމެރިކާގައި ކުޅޭ މެޗުތަކުގައި، އެ ގައުމުގެ އިމިގްރޭޝަން، "އައިސް" އިން އަދާކުރާ ދައުރު ވީހާވެސް ހަނިކޮށްދޭން ފީފާގައި އެދިއްޖެއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް އަދި ވޯލްޑް ކަޕް އިންތިޒާމުކުރާ ފީފާގެ ކިބައިން މިހެން އެދިފައިވަނީ އެމެރިކާގެ "ސޯފައި"
ސްޓޭޑިއަމުގައި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދެމުންދާ "ޔުނައިޓް ހިއަރ ލޯކަލް 11" ނަމަކަށް ކިޔާ ޔޫނިއަން އިންނެވެ.

އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާގެ ލޮސް އޭންޖެލެސްގައި ކުޅޭ ވޯލްޑް ކަޕްގެ މެޗުތަކުގައި، އައިސް އަށް ހަރަކާތްތެރިވުމުގެ ފުރުސަތު ނުދިނުމަށް ގޮވާލާ ކަމަށެވެ. އަދި މި ގޮވާލުންތަކަށް އިޖާބަނުދޭނަމަ، މުބާރާތުގެ އިންތިޒާމުތަކަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އެ ޔޫނިއަން އިން ދީފައިވއެވެ.

ސޯފައި ސްޓޭޑުމުގައި މަސައްކަތްކުރާ ޝެފުންނާއި ބާ ސްޓާފުންގެ ހައްގުގައި ވަކާލާތުކުރާ މި ޔޫނިއަނުން ބުނި ގޮތުގައި، ވޯލްޑް ކަޕަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، އެ ސްޓޭޑިއަމުގައި މަސައްކަތްކުރާ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނަކީ، އިމިގްރޭޝަނާ ގުޅުންހުރި ލިޔެކިޔުންތައް ފުރިހަމަ ނޫން ބައެކެވެ.

އެހެންކަމުން، އައިސް އިން ވޯލްޑް ކަޕުގައި އެއްވެސް ދައުރެއް އަދާކުރާނަމަ، މި މުބާރާތުގެ އެކި ކަންކަމުގައި މަސައްކަތްކުރާ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބިރުވެރިކަން އޮތްކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ޔޫނިއަނުން މި ބަޔާން ނެރެފައި މިވަނީ، މި ވޯލްޑް ކަޕުގައި އެ އޭޖެންސީ އިން މުހިންމު ދައުރެއް އަދާކުރާނެކަމަށް އައިސްގެ ޑިރެކްޓަރު ޓޮޑް ލިޔުންސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ. މިއީ ލޮސް އޭންޖެލަސްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނާއި، ކުޅިބަލަން ދަނޑަށް ވަންނަ ފަރާތްތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޔޫނިއަނުން ފާޙަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން މިހާތަނަށް އައިއިރު ފީފާއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ސޯފައި ސްޓޭޑިއަމުގެ އިސް ފަރާތްތަކުން ވެސް މި މައްސަލައިގައި ބަހެއް ބުނެފައެއް ނުވެއެވެ.

ޖުމްލަ 48 ޓީމު ބައިވެރިވާ މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ތިން ގައުމެއްގައި ކުޅޭނެއެވެ. އެއީ އެމެރިކާގެ އިތުރުން މެކްސިކޯ އަދި ކެނެޑާގައެވެ.

ޖުމްލަ 104 މެޗު ކުޅޭ މި މުބާރާތުގައި އެމެރިކާގައި 78 މެޗު ކުޅުމަށް ތާވަލުކޮށްފައިވެއެވެ.