ޚަބަރު

ރާއްޖޭގެ މަސްވެރިކަމަށް ސީފުޑް ވޮޗްގެ ޚާއްޞަ ރޭޓިންއެއް


  • ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި

  • މިއީ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއް

އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ކަނޑައަޅައިފިއެވެ.

މިއީ "ސީފުޑް ވޮޗް" ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މިއީ ދިވެހިރާއްޖެއަށާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި ކަމަށެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ. މިއީ ދިވެހި މަސްވެރިންނާއި، މަސް ގަނެ ޕްރޮސެސްކުރާ ފަރާތްތަކާއި، ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

މިކަމާ ގުޅިގެން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށާއި، "ސީފުޑް ވޮޗް" އިން ވަކި ޤައުމަކަށް ހާއްޞަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއްކަމަށެވެ. އަދި މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ކުރިއެރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެއެވެ. ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ރޭޓިންގްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި، ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ރާއްޖެ ކުރިހޯދުމަށް މަގުފަހިވެގެންދާނެކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ބަދަލަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވައި، ތަރައްޤީކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ބާރަކަށް ވީ ހިނދު، ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ މެރިން ސްޓުވަރޑްޝިޕް ކައުންސިލް (އެމް.އެސް.ސީ) ސެޓިފިކޭޝަން ވަނީ މިދިޔަ މަހު ދިވެހިރާއްޖޭގެ ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަށް ވެސް ލިބިފައެވެ.