މިމަހުގެ 4 ވަނަ ދުވަހުގެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކޮށެވެ.
މިހާރު ތިބި ކައުންސިލަރުންގެ ހުވާކޮށްފައިވަނީ 17 މޭއި 2021 ގައި ކަމުން އައު ދައުރަށް ކައުންސިލަރުން ހުވާކުރާނީ މިއަންނަ މަހުގެ 17 ގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންނާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައްވެސް ވަނީ އިންތިޚާބުކޮށްފައެވެ. ނަމަވެސް މި ކޮމެޓީތަކުން ހުވާ ނުކުރާނެއެވެ. އޭގެ ބަދަލުގައި އެކޮމެޓީތަކުގެ މެންބަރުން އެދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން އިޤްރާރުގައި ސޮއިކުރާނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓްލާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ވޯޓުލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމަށް، މަސައްކަތް ކުރަމުންނެވެ.