ޚަބަރު

އަލިފާނުގެ ހާދިސާގައި ފީއަލީ އައިސް ޕްލާންޓް އަނދައިފި


  • އައިސް ޕްލާންޓާ ރޯވި ބޯޓާއި ދެމެދު ހުރީ 15 ފޫޓު

  • މިއީ 25 ޓަނުގެ އައިސް ޕްލާންޓެއް

ފ. ފީއަލީގައި ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި އެރަށު ބަނދަރުގައި ހުރި މިފްކޯގެ އައިސް ޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް، މިފްކޯއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފީއަލީ ބަނދަރުގައޮ އޮތް އެބޯޓުގައި އަލިފާނުގެ ހާދިސާ ހިންގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 09:30 ހާއިރުކަމަށާއި އަލިފާން ނިއްވުމަށްކުރި މަސައްކަތުން ނިއްވާލެވުނީ މިއަދު 13:50 ހާއިރުކަމަށެވެ. ފީއަލީ ތެޔޮ ޖެޓީގައި އޮތް މިބޯޓުގައި ހިނގި އަލިފާނުގެ މިހާދިސާގައި އެބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިގެން ފަރުވާދޭން ފަށާފައެވެ. ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އެރަށު އައިސްޕްލާންޓު ވެސް ވަނީ އަނދާފައެވެ.

މިފްކޯއިން ވިދާޅުވީ، މި ހާދިސާގައި، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށާއި، މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓު ކަމަށެވެ. ފީއަލީ އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މިފްކޯއިން ވިދާޅުވީ މި އައިސް ޕްލާންޓު އޮޕަރޭޝަނަށް މިދިޔަ އަހަރު ޖޫން މަހުގައި ކަމަށާއި ފެނަކައިން މިފްކޯއާ މި އައިސްޕްލާންޓު ހަވާލުކުރުމުން އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވަނީ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.