500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމާއި ގުޅިގެން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
2021ވަނަ އަހަރު ނެގި މި ސުކޫކު ދައްކައި ޚަލާސްކޮށްފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުން ދައްކާގޮތުގައި މިހިނގާ އެޕްރީލްމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8 ބިލިޔަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރު ވަނީ 2.3 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައެވެ. މިއީ ދަޢުލަތުގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މާލީ ވުޒާރާއިން ސިފަކުރެއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ތައާރަފުކުރި ސިޔާސަތުތަކުގެ ނަތީޖާވެސް މިކަމުން ހާމަވެގެންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ސިޔާސަތުތަކުގެ ސަބަބުން މާރިޗުމަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާ ޖަމާކުރެވި، ސުކޫކް އަނބުރާ ދެއްކުމަށް މަގުފަހިވެގެންދިޔަ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 20.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ޖީއެސްޓީގެ ގޮތުގައި 5.6 ބިލިޔަން ރުފިޔާ ނުވަތަ 17.8 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ޓީޖީއެސްޓީގެ ގޮތުގައި 4.1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 3.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 19.0 އިންސައްތައިގެ ކުރިއެރުމެކެވެ.
އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރުވެސް ވަނީ އިތުރުވެފައެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ލޯނު އަނބުރާ ދެއްކި މިންވަރު 8.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.4 ބިލިޔަން ރުފިޔާގައެވެ. މިއީ 254.5 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51 ބިލިޔަން ރުފިޔާއިން 1.08 ބިލިޔަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 28.5 އިންސައްތައިގެ ދަށްވުމެކެވެ.