އެމެރިކާއާއި ޔަހޫދީ ދައުލަތް އިސްވެ އީރާނަށް ދިން ޙަމަލާގެ ސަބަބުން ފެށި ހަނގުރާމައިގެ އިޤްތިޞާދީ އަސަރު މުޅި ދުނިޔެއަށް ވަނީ ކޮށްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ، ހަނގުރާމައިގެ ސަބަބުން އީރާނުން ހުރްމުޒް ކަނޑުއޮޅި އެ ޤައުމުގެ ބާރުގެ ދަށަށް ގެނެސް ބަންދު ކުރުމެވެ. މި ކަނޑުއޮޅިއަކީ، ދުނިޔޭގެ ބާޒާރަށް ނެރޭ ތެލާއި ގޭހުގެ ބޮޑު އިންސައްތައެއް ދައުރުކުރާ ކަނޑުއޮޅިއެވެ.
މި ކަނޑުއޮޅި ބަންދުކުރުމާއެކު ތެލުގެ އަގު އުފުލި، ސަޕްލައި ނުލިބުމުގެ ސަބަބުން ޤައުމުތައް ހަކަތައިގެ ޝޮކަކަށް ދިޔައެވެ. ދިވެހިރާއްޖެއިންވެސް ޚަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައިވާއިރު، އެހެން ބައެއް ޤައުމުތަކުންވެސް ވަނީ ޚަރަދު ކުޑަކުރުމަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ހަމައެކަނި ދެކުނު އޭޝިއާއަށް ބެލިނަމަވެސް އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި މިފަދަ ފިޔަވަޅުތަކެއް ވަނީ ތަންފީޒު ކުރަން ފަށާފައެވެ. ގިނަ ޤައުމުތަކުގައި ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ވަކި ސިނާޢަތްތަކަށާއި އާންމު ބޭނުންތަކަށް އިސްކަން ދިނުމަށް ނިންމާފައިވެއެވެ.
ލަންކާއިން ޚަރަދުތައް ކުޑަކުރުމަށް ހަފުތާގެ 4 ދުވަހު މަސައްކަތް ކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އެ ޤައުމަކީ، ޚާއްޞަ ތެލުގެ ރިޒާވެއް ގެންގުޅޭ ޤައުމަކަށް ނުވިނަމަވެސް 2022 ވަނަ އަހަރުގެ ތަޖުރިބާ އަށްފަހު ރައްޔިތުންނަށް ތެޔޮ ދޫކުރުމުގައި އެޤައުމުން ދަނީ ހިފެހެއްޓުންތަކެއް ގެންގުޅެމުންނެވެ.
ބަންގްލަދޭޝްގައި ޚަރަދު ކުޑަކުރަން ފެށީ، ސަރުކާރު އޮފީސްތަކާއި އެހެން ތަންތަނުގައި ކަރަންޓު ޚަރަދު މަދުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މަސައްކަތު ވަގުތު ކުރުކޮށް، ވަކި ސިނާޢީ މަސައްކަތްތަކަކަށް ވަގުތުތައް ވަނީ ކަނޑައަޅާފައިއެވެ. މީގެ އިތުރުން ދުވާލެއްގެ މައްޗަށް ޕަމްޕްތަކުން ތެޔޮ ދޫކުރާ މިންވަރު ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.
ޕާކިސްތާނުގައިވެސް މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ކެބިނެޓުގެ ވަޒީރުން ދެ މަސް ދުވަހުގެ މުސާރަ ނުނަންގަވާ ގޮތަށް ވަނީ ނިންމާފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން %25 އިންސައްތައިން މުސާރަ އުނިކުރުމަށް ވަނީ ނިންމާފައެވެ. އަދި ތެލުގެ ޚަރަދު ކުޑަކުރުމަށް ދަރިވަރުންނަށް އޮންލައިކޮށް ކިޔަވައި ދިނުމަށް ނިންމާފައިވާއިރު، ދައުލަތުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫން އެހެނިހެން ޚަރަދުތައް ނުކުރުމަށް ވަނީ ނިންމާފައެވެ.
އިންޑިއާއިން ތެލުގެ އަގު ހިފެހެއްޓުމަށް އެޤައުމުގެ ރިޒާވަށް ބަރޯސާވާން ފަށާފައިވާއިރު، ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ ދުވަސްތަކަކަށް ފަހު ކެއްކުމަށް ކަރާސީނު ބޭނުންކުރަން ހުއްދަ ދޭން ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެ ޤައުމުގައިވެސް ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެކަން ވަނީ އިއުލާންކޮށްފައެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިތުރުން، އިރުމަތީ އޭޝިއާގެ ޤައުމުތަކުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ފިލިޕީންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މަސައްކަތު ދުވަސްތައް ވަނީ ކުރުކޮށްފައެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެ ޤައުމުގައި އަންގާފައިވެއެވެ.
ވިއެޓްނާމުގައިވެސް ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅާފައިވާއިރު، އިންޑޮނޭޝިއާ އަދި މިޔަންމާގައި ތެޔޮ ދޫކުރާ މިންވަރު ވަނީ ހިފަހައްޓާފައެވެ. ޔޫރަޕުގެ ޤައުމުތަކުގައި ތެލުގެ ޚަރަދު ބޮޑުވެ، ހަކަތަ ބޭނުންކުރާ މިންވަރު ދަށް ކުރުމަށް ވަނީ އަންގާފައެވެ. އެފްރިކާގެ ޤައުމުތަކުގެ ތެރެއިން މަޑަގަސްކަރާގައި 15 ދުވަހަށް ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރިއެވެ. ސެނެގާލުގައި ސަރުކާރު އޮފިޝަލުން ބޭރަށް ދަތުރުކުރުން ވަނީ މަޑުޖައްސާލާފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޚަރަދުތައް ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިި ހަނގުރާމަ ވަގުތުން ހުއްޓާލި ނަމަވެސް ޤައުމުތައް އާންމު ހާލަތަށް އިޔާދަވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.