ރާއްޖޭގެ ސިއްޙީ ނިޒާމުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރެއިންވެސް ސީދާ އާންމުންގެ ގިނަ ބަޔަކާއި ގުޅިފައިވާ އެންމެ މުހިއްމު ކަމަކީ ބޭހުގެ މައްސަލައެވެ. މިމައްސަލައަށް ހައްލު ގެނައުމަށް ބޮޑެތި ފިޔަވަޅުތަކެއް ސަރުކާރުންދަނީ އަޅަމުންނެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް މިމައްސަލަ ހައްލުކުރުމަށް ތަފާތު ކޮންސެޕްޓެއް ބޭނުންވެއެވެ. ދައުލަތުގެ ބޭސް ކުންފުނިން މިހާރުދަނީ އެމަސައްކަތް ކުރަމުންނެވެ.
ސިއްޙީ ނިޒާމުގައި އާންމުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ބޭހުގެ މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް އެކި މަސައްކަތްތައް ކުރިނަމަވެސް އެކަށީގެންވާ މިންވަރާ ގާތަށްވެސް މައްސަލައަކަށް ހައްލެއް ނާދެއެވެ. ރަށްރަށުގައި ހުރި ބޭހުގެ ސްޓޮކް ހުސްވުމާއި، މާލެއިންވެސް ބޭނުންވާ މުހިއްމު ބޭސްތައް ނުލިބުމުގެ މައްސަލައެވެ. ޑޮކްޓަރުން ލިޔެދޭ ބޭސްތައް ނުލިބިގެން ބޭސް ބަދަލުކުރަންޖެހުމުގެ ޝަކުވާއެވެ. ބޭހުގެ އަގު ބޮޑުވުމާއި ކޮލިޓީ ދަށްވުމުގެ ޝަކުވާއެވެ.
މިހުރިހާ މައްސަލައެއްގެ ހައްލަކީ ބޭސް ކުންފުނިކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ، ބޭހުގެ މައްސަލަ ހައްލުކުރުމަށް އިދާރީގޮތުން އަދި ނިޒާމުގެ ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހެއެވެ.
މިހާރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ދެނެގަނެވޭނެ ސެންޓްރަލް ސިސްޓަމެއް ނެތުމެވެ. މީގެ ސަބަބުން ބޭހުގެ ސްޓޮކް އައު ކުރުމާއި، މުއްދަތު ހަމަވުމާއި، ނާޒުކު ބޭސްތައް ބޭނުންކުރާ ބަލި މީހުންގެ ތަފާސްހިސާބާއި އެބަލި މީހުންނަށް ބޭނުންވާ ބޭހުގެ ތަފްސީލެއްވެސް އެނގޭނެ ގޮތެއް ނެތެވެ. އެހެންކަމުން ރާއްޖޭގައި ދިމާވަމުންދާ ބޭހުގެ މައްސަލައިގެ ދާއިމީ ހައްލު ގެނެވޭނީ މިފަދަ މަޢުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކަށް ފެންނަން ހުންނާނެ ނިޒާމެއް ޤާއިމުކުރެވިގެންނެވެ.
ޑރ.ޝާޙް މާހިރު ވިދާޅުވީ، ޑިޖިޓަލް ސިސްޓަމެއް މެދުވެރިކޮށް ރާއްޖޭގައި ހުރި ބޭހުގެ މަޢުލޫމާތު ފެންނަން ހުންނާނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"މިއާއެކު އަންނަން އެބަޖެހޭ ވަރަށް ވަރުގަދަ އިލެކްޓްރޯނިކް ނިޒާމެއް. ޑިޖިޓަލް ނިޒާމެއް ދިވެހިރާއްޖޭގައި ހުރި ބޭސް، ހުރީ ކޮން ބޭހެއްތޯ، ކޮން ތަންތަނެއްގައިތޯ އެބޭސްހުރީ ރައްޔިތުންނަށް އެނގޭ ވަރުގެ ސިސްޓަމެއް އެބަ އަންނަންޖެހޭ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އެވަރުގެ ސިސްޓަމެއް ޤާއިމުކުރަން." ޑރ.ޝާހު ވިދާޅުވިއެވެ.
ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދައުލަތުގެ ބޭސް ކުންފުނި އުފެއްދެވީ މިދިޔަ 2025 ވަނަ އަހަރުގައެވެ. މިހާތަނަށް ކުންފުނީގެ ފުރަތަމަ އޯޑަރު ފޮނުވާފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވާއިރު ބޭހާއި ގުޅޭ ޝަކުވާ އަދި މަޢުލޫމާތު ހޯދުމަށް ޚާއްސަ ހޮޓްލައިނެއްވަނީ ޤާއިމުކޮށްފައެވެ.