ޚަބަރު

ސަޢޫދީ ސަރުކާރުގެ އެހީގައި އެޅި 2 ވަނަ މިސްކިތް ހުޅުއްވައިފި


ރާއްޖޭގައި ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެއްވި 2 ވަނަ މިސްކިތް މިއަދުގެ ހުކުރު ނަމާދުގެ ކުރިން ހުޅުއްވައިފިއެވެ. ރ. އިންނަމާދޫގައި ޢިމާރާތްކުރެއްވި މި މިސްކިތް ރަސްމީގޮތުން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދުއެވެ. img:http://s4.psmnews.mv/images/660x400/14752268217590.jpg|ސަޢޫދީ ސަރުކާރުން ޢިމާރާތްކޮށްދެއްވި އިންނަމާދޫ މިސްކިތް ހުޅުވުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރ. އިންނަމާދޫގައި ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގައި ސަރުކާރުން އަޅުއްވައިދެއްވި މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭވަރުގެ މިސްކިތެކެވެ. އިންނަމާދުއަކީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގައި ދިރުއެޅެނީ އެރަށުގެ މަދު ޢަދަދެއްގެ ބަޔަކުނަމަވެސް އެރަށަކީ ވަޑާމުގެ މަސައްކަތްކުރާ ރަށަކަށްވެފައި، އެކަމަށް ގިނަ ޢަދަދެއްގެ ބިދޭސީން އެރަށުގައި އުޅޭތީ މިއަދުގެ ހުކުރުނަމާދުގެ ޖަމާޢަތަށްވެސް މިސްކިތް އޮތީ ފުރިފައެވެ. img:http://s3.psmnews.mv/images/660x400/14752269019539.jpg|ސަޢޫދީ ސަރުކާރުން ޢިމާރާތްކޮށްދެއްވި އިންނަމާދޫ މިސްކިތް ހުޅުވުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މިސްކިތަކީ މުންނާރަކާއި ގުއްބެއްވެސް އެކުލެވޭ ގޮތަށް 6 މިލިޔަން ރުފިޔާ ހޭދަކުރައްވައިގެން ޢިމާރާތްކުރައްވާފައިވާ މިސްކިތެކެވެ. މިސްކިތް ބިނާކުރެއްވީ މާލާ ހައިރައިސް ކިޔާ އަމިއްލަ ކުންފުންޏަކާ ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރައްވައިގެންނެވެ. އިންނަމާދޫގައި ހުޅުއްވި މި މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ކުރެއްވީ އިސްލާމިކް މިނިސްޓަރގެ ނާއިބު އައްޝައިޚް އިބްރާހީމް އަޙްމަދެވެ.

ރާއްޖޭގައި ސަޢޫދީ ޢަރަބިއްޔާގެ އެހީގައި މިސްކިތް ޢިމާރާތް ކުރެއްވުމުގެ 17 މަޝްރޫޢެއް ސަރުކާރުން ހިންގަވަން ހަމަޖައްސަވައި، 3 މަޝްރޫޢެއް މިހާތަނަށް މިވަނީ ނިމިފައެވެ. ފުރަތަމަ ނިމުނީ ލ. މާވަށުގައި ހިންގެވި މަޝްރޫޢެވެ. އެ މަޝްރޫޢު ނިމި މިހާރު ވަނީ މިސްކިތް ހުޅުއްވާފައެވެ. 2 ވަނަ ނިންމަވައި މި ހުޅުއްވީ ރ. އިންނަމާދޫ މިސްކިތެވެ. ނިމުނު އަނެއް މަޝްރޫޢަކީ، ރ. އަނގޮޅިތީމުގައި ޢިމާރާތްކުރެއްވި މިސްކިތުގެ މަޝްރޫޢެވެ. މި މިސްކިތް މިއަދު ހުޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. މި 3 މިސްކިތަކީވެސް ސަޢޫދީ ޢަރަބިއްޔާގެ އެހީގައި ހިންގަވާ 17 މަޝްރޫޢުގެ ތެރެއިން ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގައި ހިންގަވާ 7 މަސްރޫޢުގައި ހިމެނޭ މިސްކިތްތަކެވެ. އަނެއް 10 މަޝްރޫޢަކީ ސަޢޫދީ ރަސްގެފާނުގެ އެހީގައި ހިންގަވާ 10 މަޝްރޫޢެވެ.