ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސް، ކަނޑުމަގުން އީރާން ވަށައިލާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވުމާ ގުޅިގެން، އެކަމުގެ ރައްދުގައި ގަލްފުގެ ޤައުމުތަކުގެ މައި ބަނދަރުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އަޅުއްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި ބޭއްވި ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމުގައި އެމެރިކާއިން އިޢުލާނު ކުރުމާ ގުޅިގެންނެވެ.
އެއާ އެކު، ސުލްޙައިގެ މަޝްވަރާތައް އިޢުލާނުކުރުމާ އެކު، ދުނިޔޭގެ ބާޒާރުގައި ދަށަށް ދިޔަ ތެލުގެ އަގުތައް ވަނީ އަނެއްކާވެސް މަތިވާން ފަށައިފައެވެ.
ޓްރަމްޕް އިންޒާރު ދެއްވާފައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރު ހުއްޓުވާނެ ކަމުގައި ވިދާޅުވެއެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ފަހުން ވަނީ، އެ ނިންމުން ސާފުކޮށްދީފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނީ، ހުރަސްއެޅުމަށް ނިންމާފައި ވަނީ އީރާނަށް ބަނދަރުކުރާ، އަދި އެ ޤައުމުން ދަތުރުކުރާ އުޅަނދުފަހަރަށް އެކަނި ކަމުގައެވެ.
މި މަހުގެ 2 ވަނަ ދުވަހު ޙަމަލާތައް މެދުކަނޑައިލުމުގެ ކުރިން ވެސް، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތައް އީރާނުން ދީފައިވާއިރު، އީރާނުގެ އުޅަނދުތަކަށް ހުރަސްއަޅާނަމަ، ގަލްފުގެ ޤައުމުތަކުގެ ބަނދަރުތަކަށް އަމާޒުކޮށް، ބަދަލުހިފާނެކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.
ހުރްމުޒަކީ ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މައި ކަނޑުއޮޅިއެކެވެ. ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، އީރާނުން ވަނީ ރައްދުގައި އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. ތެހްރާނުން ހުރަސްއަޅާފައި ވަނީ އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާގެ އިސް މަންދޫބުންގެ މެދުގައި މި ހަފްތާ ބަންދުގައި ކުރެވުނު މަޝްވަރާތަކުގެ އީރާނުން ވަނީ ހުރްމުޒްގެ ބާރު ދިނުމަށާއި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނޭ ގޮތަށް ގިނަ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ.
ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން އީރާނަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓައިލުން ހިމެނެއެވެ.
އެ ހުށަހެޅުންތަކަށް ދެ ފަރާތުން ވެސް އެއްބަސްނުވެވި، މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައިފައެވެ.