ޚަބަރު

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން އާންމުކޮށްފި


  • ޓެކްސް ބަޔާން ހުށަހެޅުމަށް އެކި ފުރުސަތުތަކާއި ނޯޓިސްތައް ދިން

  • އާއްމުކުރީ ޑިސެމްބަރުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް

ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފިއެވެ.

މީރާއިން ވިދާޅުވީ، މިއީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ އުސޫލުގެ ދަށުން އާންމުކުރި ލިސްޓެއް ކަމަށެވެ.

މީރާއިން ވިދާޅުވީ، މިއަދު ޝާއިއުކުރި މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް ކަމަށެވެ. މީގެ ތެރޭގައި ކުންފުނިތަކާއި އެ ނޫންވެސް ވިޔަފާރި ކުރާ ފަރާތްތައް ހިމެނޭކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން، އެ ފަރާތްތަކަށް ފޯނުގެ ޒަރިއްޔާއިން ގުޅައި، ޓެކްސް ނުދެއްކުމުން ޤާނޫނީގޮތުން ކުރިމަތިވެދާނެ އަދަބުތަކާއި، އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މީރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށްވެސް އެ ފަރާތްތަކަށް އެކަން އަންގައި ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

މީރާއިން ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށްޓަކައި މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތު ކުރުމެއްނެތި އަޅަމުންދާނެ ކަމަށެވެ. އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާން ހުށަހަޅައި، ޓެކްސް ފައިސާ ދެއްކުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެއްފަހަރާ ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް، މީރާއާއެކު ވާހަކަ ދައްކައިގެން ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް (އިންސްޓޯލްމަންޓް ޕްލޭން) އައުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.