ކުޅިވަރު

ބަޔާން ބަލިކުރަން ޖާދޫ ހަދާކަށް ނުޖެހޭނެ: އާބެލޯއާ


ބަޔާން މިއުނިކަކީ ރެއާލް މެޑްރިޑަށް ބަލިކުރެވޭނެ ޓީމެއް ކަމަށާއި އެކަމަށް މާމޮޅު ޖާދޫ ހަދާކަށް ނުޖެހޭ ކަމަށް ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ބަޔާންގެ ދަނޑުގައި ކުޅޭ މެޗުގެ ކުރިންނެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅެ 2-1އިން މޮޅުވީ ބަޔާނެވެ. މިހެންވެ މިރޭ ބަލިވެއްޖެނަމަ ރެއާލް އަށް މި ސީޒަން ނިންމާލަން ޖެހޭނީ އަނެއްކާ ވެސް ތައްޓެއް ނުލިބި އެވެ. އޭރުން މިކަން ވެގެންދާނީ ފާއިތުވެދިޔަ 16 އަހަރު ތެރޭގައި ތައްޓެއް ނުލިބި ރެއާލް ނިންމާލާ ފުރަތަމަ ސީޒަނަށެވެ.

"އަހަރުމެން މާމޮޅު ޖާދޫތަކެއް ހަދާކަށް ނުޖެހޭނެ. ސަބަބަކީ މިއީ އަހަރުމެން ފަރިތަ ކަމަކަށްވާތީވެ. ރެއާލް މެޑްރިޑްގެ ތާރީހުގައި ލިޔެފައިވަނީ އުނދަގޫ ކަންތައްތަކެއްގެ ތެރެއިން މޮޅުވެ ކާމިޔާބު ހޯދިކަން. އެހެންވީމާ މިއީ ފައިނަލަކަށް ވެސް ނުވާނެ. މިއީ އާދައިގެ މެޗެއް. އެކަމަކު އަހަރުމެން ޖެހޭނީ މޮޅުވާން،" އާބެލޯއާ ބުންޏެވެ.

ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި ކޯޗު ބުނީ ރެއާލްގެ ދަނޑުގައި މި ދެ ޓީމު ކުޅެގެން ރެއާލް ބަލިވީ ފަހުހާފުގައި މޮޅަށް ކުޅެފައި ނަސީބު ވެސް ދެރަ ކަމުން ކަމަށެވެ.

"އެކަމަކު މިހާރު މިއީ އެ ވާހަކަ އަށް ޖާގަ އޮތް ވަގުތެއް ނޫން. އަހަރުމެން މި ނުކުންނަނީ މި މެޗު ކާމިޔާބު ކުރަން،" ކޯޗު ބުންޏެވެ.

އަނިޔާއިން ރަނގަޅު ވެގެން ރެއާލްގެ ފޯވަޑް ކީލިއަން އެމްބާޕޭ ކުޅުނު ތިން މެޗުން ވެސް އެ ޓީމު މޮޅެއް ނުވެ އެވެ. ނަމަވެސް އާބެލޯއާ ބުނީ އެމްބާޕޭ އަކީ އަބަދުވެސް ޓީމަށް ކުރިއެރުން ގެނެސްދޭ ކުޅުންތެރިއެއް ކަމަށާއި މި މެޗުގައި އޭނާގެ މުހިންމުކަން ބޮޑު ކަމަށެވެ.