ޚަބަރު

އަފްޒަލް: އިންޖިނިއަރެއްގެ މަސައްކަތް ފެށުނީ ކާފަ ބޯޓު ބަންނަން އުޅެނިކޮށް


  • އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ޚިދުމަތް ފެށުން ފާހަގަކުރި

  • ޖަނެރޭޓަރެއް އޮން ނުވެގެން ގިނައިރުތަކެއް ވަންދެން މަސައްކަތް ކުރަންޖެހުނު

މިހާރު އައިލެންޑް އޭވިއޭޝަންގައި ސީނިއަރ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަޙްމަދު އަފްޒަލް ރަޝީދު އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ، އޭނާގެ ކާފަ ބޯޓު ބަންނަން ކުރި މަސައްކަތުގެ ތެރެއިންނެވެ.

ކާފަ ބޯޓު ބަނުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެންމެ ކުޑައިރުއްސުރެވެސް އެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވިއެވެ. އަދި ސްކޫލު ދައުރުގައިވެސް އިންޖިނިއަރ ދާއިރާއަށް ޝައުޤުވެރިކަން އުފެދި ވޮކޭޝަނަލް ދާއިރާއަށް ވަނުމަށް ޝައުޤުވެރިކަން އުފެދުނުކަން އޭނާ ފާހަގަކުރިއެވެ. އޭރު އުފެދުނު ޝައުޤުވެރިކަމާއެކު އެއަރ ކްރާފްޓް އިންޖިނިއަރިންއަކީ، ކުރާ މަސައްކަތެއްކަން އެނގުނުކަމަށް އޭނާ ބުންޏެވެ.

އޭގެފަހުން އެއަރ މޯލްޑިވްސްއިން އައިލޭންޑް އޭވިއޭޝަނަށް ބަދަލުވި ދުވަސްވަރު އެތަނުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު އަފްޒަލްއަށް ލިބުނެވެ. ވަޒީފާގެ ފުރުޞަތު ހުޅުވާލުމުން ފުރަތަމަ އަފްޒަލް ގުޅުނީ، މެކޭނިކް ޓްރެއިނީއަކަށެވެ. އޭވިއޭޝަން އިންޖިނިއަރަކަށްވުމުގެ ކުރިން އަފްޒަލްވަނީ، ހަޔަރ ނޭޝަނަލް ޑިޕްލޮމާ އިން މެރިން އިންޖިނިއަރިން އެންޑް އޮޓޯ މޮބައިލްސް ފުރިހަމަކޮށްފައެވެ.

އެންމެ ޝައުޤުވެރިވި އެންމެ އުފާވާ މަސައްކަތެއްގެ ގޮތުގައި އަފްޒަލް ފާހަގަކުރީ، އައިލޭންޑް އޭވިއޭޝަނުން ސީޕްލޭން ފަށަން އެންމެ ފުރަތަމަ އިންޑަކްޓް ކުރި މީހުންގެ ތެރޭގައި ހިމެނި ކުރި މަސައްކަތްތަކެވެ. 2014 ވަނަ އަހަރު ރާއްޖޭގައި އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ޚިދުމަތް ފެށުމަށް ކުރި މަސައްކަތުގައި އަފްޒަލްއާއެކު 6 މީހުން އިންޖިނިއަރިން ދާއިރާގެ މީހުންގެ ގޮތުގައި ހިމެނުނެވެ.

"2014 ވަނަ އަހަރު ސީޕްލޭން ފަށަން ކުރި ދަތުރު އެއީ ޝައުޤުވެރިކަމާއެކު ކުރި މުހިއްމު މަސައްކަތެއް. އެންމެ ފުރަތަމަ ސީޕްލޭން މޫދަށް ބޭލުމަށް ޚިދުމަތަށް ނެރުމަށާއި، އެއާލައިން އުފެއްދުމަށް ކުރި މަސައްކަތް ފާހަގަކުރަން." އަފްޒަލް ބުންޏެވެ.

އަފްޒަލް ފާހަގަކުރާ ގޮތުން ސީޕްލޭން އިންޖިނިއަރަކަށް މަސައްކަތް ކުރާއިރު، މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ނުވަތަ ސޭފްޓީގެ ކަންކަމަކީ ޗެލެންޖިން ކަމެކެވެ. ނަމަވެސް ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ރައްކާތެރިކަން ދެމެހެއްޓޭނެކަން އޭނާ ފާހަގަކުރިއެވެ.

"ހަނދާން ހުންނަނީ ޖެނެރޭޓަރެއް އޮން ނުވެގެން ވަރަށް ގިނައިރު މަސައްކަތް ކުރިން. ގާތްގަނޑަކަށް 24 ގަޑިއިރު މަސައްކަތް ކުރިން. ސަޕްރައިޒިން އެލެމަންޓަކަށް ފެނުނީ، ކަނެކްޝަނެއް މިސްވެފަ އިންދާ ފެންނަނީ. އޭތި ފެނުނު ވަގުތު އެއީ ވަރަށް ބޮޑު ރިލީފެއް. ދެން އެ ކެޕް ބާރުކޮށްލީމަ މައްސަލަ ހައްލުވެއްޖެ." އަފްޒަލް ބުންޏެވެ.

އަފްޒަލް ފާހަގަކުރި ގޮތުގައި އިންޖިނިއަރިންގެ ދާއިރާގެ މައިބަދައަކީ، ރެގިއުލޭޝަން ޓްރެއިނިންތަކެވެ. ކޮންމެ 2 އަހަރުން ދެއަހަރު ތަމްރީންތައް އައުކުރާ ކަމަށާއި، އަބަދުވެސް ލިބެމުންދިޔަ ތަމްރީންތައް މަސައްކަތަށް ވަރަށް އެހީތެރިވި ކަމަށްވެސް އޭނާ ބުންޏެވެ.

އިންޖިނިއަރިންގެ ދާއިރާއިން ކުންފުނީގެ ކުރީގެ ވެރިންގެ އިތުރުން ކުރިން މަސައްކަތް ކުރި މީހުންގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރު ލިބުނުކަންވެސް އޭނާ ފާހަގަކުރިއެވެ.

އަފްޒަލް ވަނީ، މިހާރު މިދާއިރާއަށް ވަންނަ ކުދިން މިދާއިރާއިން ކުރިއަށް ދިޔުމަށް ކިޔެވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކިޔެވުމަށްފަހު، ވޮކޭޝަނަލް ފީލްޑްއަށް އައުމަށް ނަޞޭހަތްތެރިވިއެވެ.