އެމެރިކާގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތާއި ލުބްނާނާ ދެމެދު ކުރެވުނު ސުލްޙައިގެ މަޝްވަރާތަކަށް ނުބަލައި، ލުބްނާނުގައި ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޢުދުވާނު އިތުރަށް ފުޅާކޮށްފައިވަނިކޮށް، އެ ޢުދުވާނު މެދުކަނޑައިލަން މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު، ލުބްނާނުގެ ޙަރަކާތްތެރިވާ މުޖާޙިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ.
އެކަމުގެ ބަދަލުހިފުމުގެ ގޮތުން، ޔަހޫދީން ވަނީ ލުބްނާނުގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.
ސުލްޙަ ޤައިމުކުރުމަށް ދެ ފަރާތުގެ މެދުގައި ކުރެވުނު ތާރީޚީ މަޝްވަރާތަކުގެ އެއް ދުވަސް ފަހުން، ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަޙައްދެއް ހުސްކުރަން ޔަހޫދީން ދަނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އަންގަމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ލުބްނާނުގެ ދެކުނުގެ 200އަށް ވުރެ ގިނަ އަމާޒަކަށް ޙަމަލާދީފައިވާ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ބުންޏެވެ.
އޭގެ ރައްދުގައި ޙިޒްބުﷲއިން ވަނީ މިއަދު އެކަނިވެސް 40އަށް ވުރެ ގިނަ ރޮކެޓު ޙަމަލާތައް ޔަހޫދީންގެ މުޙިއްމު ބިނާތަކަށް އަމާޒުކޮށްފައެވެ.
ޙިޒްބުﷲއިން ވަނީ ޔަހޫދީންނާ އެކު ލުބްނާނުގެ ސަރުކާރުން މަޝްވަރާ ކުރުމާވެސް ފާޅުގައި ދެކޮޅު ހަދައިފައެވެ. ޙިޒްބުﷲއިން ވަނީ ޔަހޫދީންނާ އެކު މަޝްވަރާކުރުމަކީ ވެސް ޤައުމީ ބޮޑު ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޔަހޫދީ ދައުލަތުގެ އިސް އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، ޔަހޫދީންގެ ސަލާމަތީ މަޖިލީހުން މިރޭގެ ވަގުތެއްގައި ބާއްވާ ބައްދަލުވުމުގައި، ލުބްނާނަށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްޞީލެއް ނުދެ އެވެ.
ލުބްނާނަށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް އެމެރިކާއިން ބާރު އަޅައިގެން ކުރިއަށް ގެންގޮސްފައިވަނީ މެދުއިރުމަތީގައި މި ވަގުތު އޮތް ނުތަނަވަސް ޙާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައެވެ.
މިގޮތުން، ފެބްރުއަރީ 28ގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގައި، ދެ ހަފްތާގެ މުއްދަތަށް ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ދަނީ ޢަމަލުކުރަމުންނެވެ. ގާތްގަނޑަކަށް ހަ ހަފްތާގެ ކުރިމަތިލުންތައް މުޅި މެދުއިރުމައްޗަށް ފެތުރިފައިވާއިރު، ޙަމަލާތައް މެދުކަނޑައިލަން އެއްބަސްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުން ދާއިމީކޮށް، ހަނގުރާމަ ނިމުމަކަށް ގެންނަން، މިދިޔަ ހަފްތާ ބަންދުގައި އެމެރިކާ އާއި އީރާނުގެ މަންދޫބުން ސުލްޙައިގެ މަޝްވަރާތައް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔައެވެ.
ލުބްނާނަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ މަޝްވަރާތަކުގައި ބައިވެރިނުވާން ވެސް އީރާނުން އިންޒާރުދީފައިވެއެވެ. މިގޮތުން، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ލުބްނާނު ވެސް ހިމެނޭކަމަށް އީރާނުން ޤަބޫލުކުރާއިރު، އެމެރިކާ އާއި ޔަހޫދީން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.