ޚަބަރު

ޣައްޒާއަށް ކާބޯތަކެތި އެތެރެކުރަން ހުރަސްއަޅަނީ


މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ސަމާލުކަން އީރާނަށާއި ޞުލްޙަ ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުއްޓިފައިވާ މި ޙާލަތުގައި ޔަހޫދީން ދަނީ ދަނޑިވަޅުގެ ބޭނުން ހިފައި ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ. އަދި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އިތުރަށް ދަތިކޮށްފައެވެ. އެއާއެކު ޣައްޒާގައި އަނެއްކާ ވެސް ވަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ފެތުރެން ފަށައިފައެވެ. އެއީ ޔަހޫދީން ގަސްތުގައި، އެ މަޤްސަދު ޙާޞިލް ކުރުމަށް ރާވަައިގެން ކުރަމުންދާ ކަމެއް ކަަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކޮށްފައި ވަނިކޮށް، އެ އެއްބަސްވަސްވުމާ ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ ލޮރީތައް އެ ސަަހަރަށް ވަނުމަށް ހުރަސްއަޅައި، ވަދެވޭ ލޮރީތައް ޢަދަދު ވަރަށް ބޮޑަށް މަދުކޮށްފައެވެ. އެއްބަސްވުން އެކުލަވައިލި ފަހުން ވެސް ޔަހޫދީ ފައުޖުން 2،400 ފަހަރެއްގެ މަތިން އެއްބަސްވުމާ ޚިލާފަށް އަސްކަރީ ގޮތުން ވެސް ޢަމަލުކޮށްފައިވެއެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ 700އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ދެ ކުޑަކުދިން ހިމެނޭ ގޮތަށް ޣައްޒާގެ 11 މީހުން ޝަހީދުކޮށްލައިފައެވެ.

އެމެރިކާއާއި ޔަހޫދީން އީރާނަށް ހަމަލާ ދެމުންދިޔަ މުއްދަތުގައި ޔަހޫދީންގެ ހަމަލާތައް ޣައްޒާގައި ވަކިން ވަރުގަދަކޮށްފައިވެއެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ 28ވަނަ ދުވަހާއި އޭޕްރިލް މަހުގެ 8ވަނަ ދުވަހާ ދެމެދު ފާއިތުވި 40 ދުވަހުގެ ތެރެއިން 36 ދުވަހު ޔަހޫދީން ފަލަސްޠީނަށް ބޮމުގެ ޙަމަލާތައް ދީފައިވެއެވެ.

ފާއިތުވި ފަސް ހަފްތާގެ ތެރޭގައި އެކަނި ވެސް ޣައްޒާގައި 100އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އެއާއެކު 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމުގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 72،336އަށް އަރައިފައެވެ.

ޣައްޒާގެ ސަރުކާރުން ބުނީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ޣައްޒާއަށް ވަދެފައި ވަނީ އެހީގެ ސާމާނު އުފުލާ 41،714 ލޮރީ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން އެ ޢަދަދު ހަޤީޤަތުގައި 110،400އަށް އަރަން ޖެހެއެވެ. 41،714އަކީ އެ ޢަދަދުގެ އެންމެ 31 އިންސައްތައެވެ. ޣައްޒާއަށް ތެޔޮ އެތެތެކުރުމަށް ވެސް ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. ޣައްޒާއަށް ވަދެވޭނެ ކަމަށް ބުނެފައިވާ 9،200 ލޮރީގެ ތެރެއިން މިހާތަނަށް ވަދެވިފައި ވަނީ އެންމެ 1،366 އުޅަނދަށެވެ. އެއީ ވަޢުދުވި ޢަދަދުގެ އެންމެ 14 އިންސައްތައެވެ.

ފާއިތުވި ހަފްތާތަކުގައި ޣައްޒާގެ ޙާލަތު އަނެއްކާ ވެސް ވަނީ އިތުރަށް ގޯސްވެފައެވެ. އެ ގޮތުން އޭޕްރިލް މަހުގެ 13ވަނަ ދުވަހު ވެސް ޣައްޒާއަށް ވަދެފައި ވަނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި 102 ލޮރީއާއި ހަތް ތެޔޮ ލޮރީއެވެ. އޭގެ އިތުރުން ވިޔަފާރި މުދާ އުފުލި 216 ލޮރީ ވެސް ޣައްޒާއަށް އެތެރެވެފައިވެއެވެ. އެއްބަސްވުމުގެ ދަށުން ދުވާލެއްގެ މައްޗަށް 600އަށްވުރެ ގިނަ ލޮރީ ވަނުމުގެ ޙުއްދަ ޔަހޫދީން ދޭން ޖެހެއެވެ. ޖެހިގެން އައި ދުވަހު ވެސް މި ޢަދަދުތަކަށް ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން ޣައްޒާއިން އަނެއްކާ ވެސް ކާބޯތަކެތި ހުސްވެ ބަނޑުހައިހޫނު ކަން ވަނީ ފެތުރިފައެވެ. ކޮންމެހެން ބޭނުންވާ އަސާސީ މުދަލުގެ އަގު ވެސް ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ. އަދި ޢާންމުވެގެންވާ ބަނޑުހައިހޫނު ކަމެއް ޣައްޒާގައި ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޣައްޒާގެ ޙާލުގައި ޖެހިފައިވާ އާބާދީގެ ބޮޑު ބަޔަކީ ލިބޭ އެހީހެ މައްޗަށް ބަރޯސާވެ ތިބި ޙާލުގައި ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުންދާ މީހުންނެވެ.

ޙަމަލާ ބަދަލުކުރުުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއާއި މިޞްރާ ގުޅުވައިދޭ ރަފަޙް ހުރަސް އާންމުކޮށް ހުޅުވައިލަން ޖެހެއެވެ. ނަމަވެސް މި މާއްދާއާ އެއްގޮތަށް ވެސް ޔަހޫދީން ޢަމަލެއް ނުކުރެއެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ރަފްޙް ހުރަސް މެރުވެރިކޮށް ޣައްޒާއިން ނިކުމެވިފައި ވަނީ އެންމެ 2،703 މީހުންނަށެވެ. ނަމަވެސް އެއްބަސްވުމުގައި ބުނާ ގޮތުން އެ ޢަދަދު އަސްލު ހުންނަންޖެހޭނީ 36،800ގައެވެ. އެއީ އެއްބަސްވެފައިވާ ޢަދަދުގެ އެންމެ 7 އިންސައްތައެވެ.