ޚަބަރު

ޤާނޫނީ ހުސްކަމެއް ނާންނާނެ؛ އަތޮޅު ކައުންސިލްތަކުގެ ޚިދުމަތް އެލްޖީއޭ ދަށަށް


  • އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި އަންނަ އޮފީސްތައް ހިންގާނީ އެލްޖީއޭއިން

  • ސިޓީސް މިނިސްޓްރީ އުވާލިއަސް އެލްޖީއޭ މެދުވެރިކޮށް ޤާނޫނުގައިވާގޮތަށް ޚިދުމަތް ދޭނެ

އަތޮޅު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. އެލްޖީއޭއިން ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވުނަސް އެކަމަށް ޤާނޫނުގެ ތެރެއިން ހައްލު އޮތް ކަމަށެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ އަތޮޅު ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލުމުން ޤާނޫނީ ހުސްކަމެއް އަންނަ ކަމަށް މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެލްޖީއޭއިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެކަމަށް ވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެތަންތަނުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ޤާނޫނުގެ ދަށުން އެއިދާރާއިން ކަމަށެވެ.

އެލްޖީއޭއިން ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި، އެ ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ދަށުން ދިނުމަށް ހިމަނާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ވަސީލަތްތަކާއި މުދަލާއި ޤާނޫނީ ގޮތުން ހަވާލުވަނީ އެލްޖީއޭއިން ކަމަށް ވިދާޅުވިއެވެ. މިއާއެކު އެލްޖީއޭގެ އޮފީސްތައް ޤާއިމްކުރުމުގެ އިޙްތިޔާރު އެއިދާރާއަށް ޤާނޫނުން ލިއްބައިދީފައިވާކަން އެލްޖީއޭއިން ފާހަގަކުރެއެވެ.

ޤާނޫނުގައި މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު، އަތޮޅު ކައުންސިލްތައް އުވާލާ އެ ތަންތަނުން އަދާކުރަމުންދިޔަ ޤާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އަދި އޮފީސްތައް ޤާއިމްކޮށް ހިންގުމުގެ އިޙްތިޔާރު އެލްޖީއޭއާށް ލިބިދީފައިވުމާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ޤާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

އެލްޖީއޭއިން މިގޮތަށް ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިޚާބު މިފަހަރު ބޭއްވިއިރު، އަތޮޅު ކައުންސިލް ނުލާ ބާކީ ހުރިހާ މަޤާމަކަށް މީހުން އިންތިޚާބުކޮށް ނުވަތަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިހާރު ހިންގަމުންދާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމުން، އެތަންތަން ދެން ބަދަލުވެގެންދާނީ އެލްޖީއޭގެ ދަށުން ހިންގަމުންދާ އޮފީސްތަކަށެވެ. އޭގެ ސަބަބުން މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެ، ޚިދުމަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައިވަނީ، ރައްޔިތުންނަށް ސީދާ ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރާއި ރަށު ކައުންސިލްތަކާ ދެމެދު ހުރި އިދާރީ ހުރަސްތައް ނައްތާލާ ޚިދުމަތް ދިނުން ހަރުދަނާ ކުރުމަށެވެ.