ކުޅިވަރު

ކުލަބުން ނިންމާ ކޮންމެ ގޮތެއް ގަބޫލު ކުރާނަން: އާބެލޯއާ


ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުންނަން އޭނާ ކޮންމެހެން ބާރު ނާޅާނެ ކަމަށާއި ކުލަބުން ނިންމާ ކޮންމެ ގޮތެއް ގަބޫލު ކުރާނެ ކަމަށް ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަނުގައި ތައްޓެއް ނުލިބި ނިންމާލަން ޖެހުމުން އަންނަ ސީޒަނުގައި ރެއާލްއިން އާ ކޯޗަކު ހޯދާނެ ކަމަށް ބެލެވިފައިވަނިކޮށެވެ. އާބެލޯއާ އަކީ މި ސީޒަނުގައި ޓީމާ ހަވާލުވި ދެ ވަނަ ކޯޗެވެ. ސީޒަނުގެ ފުރަތަހަމަ ބައިގައި ކޯޗުކޮށްދިނީ އެ ކުލަބުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ އެވެ.

"އަހަރެން އެއްވެސް އިރަކު މަގާމާމެދު ނުވިސްނަން. އަދި މި ކުލަބުގައި އަހަރެންގެ ނަން ސްޓޭމްޕް ކުރާނީ ކިހާ ފެންވަރެއްގައިތޯ ވެސް ނުބަލަން. އަހަރެން އަބަދުވެސް ބެލީ ކުލަބަށް މަސައްކަތް ކޮށްދީ ކުޅުންތެރިންނަށް އެހީވުމަށް. އަހަރެންނަށް އެނގޭ ރެއާލް މެޑްރިޑްގައި ކާމިޔާބު ހޯދަން ޖެހޭނެކަން. އެކަމަކު ރެއާލް ކުޅެން ޖެހުނީ ޔޫރަޕުގެ އެންމެ ގަދަ ޓީމުތަކާ. ބަޔާން އާއި މެންޗެސްޓާ ސިޓީ ފަދަ ޓީމުތަކާ،" ކުރިން ރެއާލް އަށް ކުޅުނު ޑިފެންޑަރު ބުންޏެވެ.

އޭނާ ބުނީ ކުލަބުން އޭނާގެ ބަދަލުގައި އާ ކޯޗަކު ހޯދައިފިނަމަ އެކަން ގަބޫލު ކުރާނެ ކަމަށެވެ.

"އަހަރެން ކުލަބުން ނިންމާ ކޮންމެ ގޮތެއް ބަލައިގަންނާނަން. ކުލަބުގެ ނިންމުމެއް އެއީ. އަހަރެން މި ގޮނޑީގައި އިނީ އަބަދު މިތަނުގައި ހުރެވޭނެ ކަމަކަށް ވެސް ނޫން. އަހަރެންގެ ބޭނުމަކީ އެހީތެރިވެދިނުން،" އާބެލޯއާ ބުންޏެވެ.

އޭނާ ގެ ކޯޗުކަމުގައި ރެއާލް ވަނީ ތިން މުބާރާތަކުން ކަޓައިފަ އެވެ. އެއީ ޗެމްޕިއަންސް ލީގާއި ކޮޕާ ޑެލްރޭ އާއި ސްޕެނިޝް ލީގެވެ. މީގެ ތެރެއިން ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ މެތެމެޓިކަލް ޗާންސެއް އޮތް ނަމަވެސް އެއްވަނާގައިވާ ބާސެލޯނާ އަށްވުރެ ނުވަ ޕޮއިންޓް ފަހަތުގައި އޮތުމުން ރެއާލް އަށް ލީގު ނުލިބޭނެ ކަމަށް އާބެލޯއާ ވެސް ގަބޫކުކުރެ އެވެ.