ޚަބަރު

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދާމާ


  • މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެ

  • ވޯޓުލުމުގެ ޙައްގު 6093 މީހުންނަށް ލިބިފައިވޭ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން މާދަމާ އޮންނާނެއެވެ.

ދެވަނަ ބުުރުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާހަމައަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މާދަމާ ވޯޓުލުން ކުރިއަށްދާއިރު މިއަދު އިރުއޮއްސި 6:00 ޖެހުމުން ފެށިގެން އާދިއްތަ ދުވަހު ހެނދުނު 6:00 ޖެހުމާހަމައަށް ކެމްޕެއިން ކުރުން މަނާވާނެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްދާނެއެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

‎އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

‎އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

‎މި ފޮށިތަކުގައި 6093 މީހަކު ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. އެގޮތުން، ކެލާ އިންތިޚާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު ނޭކުރެންދޫ އިންތިޚާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިޚާބުގައި 441 މީހުންނަށް، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

‎މި ދާއިރާތަކަށް މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.