ޚަބަރު

ސްވިޑަންއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި


  • ރަސްމިއްޔާތު ބާއްވާފައިވަނީ ސްޓޮކްހޯމްގައި ހުންނަ ރަސްމީ ގަނޑުވަރުގައި

  • ދެ ޤައުމުގެ ގުޅުމުގެ މައްޗަށް ބައްދަލުވުމުގައި އަލިއަޅުއްވާލެއްވި

ދިވެހިރާއްޖެއިން ކިންގްޑަމް އޮފް ސްވިޑަންއަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ކިންގް ކާލް ސޯޅަވަނަ ގުސްޓާފްއަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޓަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޝާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި ބައްދަލުވުމުގެ ތެެރެއިން އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި ސްވިޑަންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.

ސްޓޮކްހޯމްއަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޝާން ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ސްވިޑަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޝާން އަރިހުގައި، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަފީރު ޝާންއަކީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ކިންގްޑަމް އޮފް ނޯވޭއަށާއި ރިޕަބްލިކް އޮފް ފިންލެންޑްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.