ޚަބަރު

ދިވެހި ޑޮކްޓަރުން: ރާއްޖޭގެ ޞިއްޙީ ދާއިރާގެ މައިބަދަ


  • ކޮންމެ އަހަރެއްގެ އެޕްރީލް 18 ވަނަ ދުވަހަކީ ދިވެހި ޑޮކްޓަރުންގެ ދުވަސް

  • ދިވެހި ޑޮކްޓަރުން ބިނާ ކުރަން 2018 ސްކޫލް އޮފް މެޑިސިން އިފްތިތާޙް ކުރެވުނު

ޑޮކްޓަރުންނަކީ ކޮންމެ ޤައުމެއްގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ޞިއްޙީ މަސައްކަތްތެރިންނެވެ. ދިވެހިރާއްޖެއަށް ބަލާނަމަވެސް އަގު ނުކުރެވޭ ޚިދުމަތެއް އެބޭފުޅުން ކުރަމުންދެއެވެ. މި ބުރަ ޒިންމާ އަދާކުރަމުންދަނީ އެއްވެސް ވަރުބަލިކަމެއް ނެތި އެއްވެސް މީހަކަށް އިސްތިސްނާ ވުމެއް ނެތިއެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ ޒަމާނީ ބޭސްވެރިކަމަށް އެންމެ ފުރަތަމަ ތަމްރީނުވެގެން އައި ޑޮކްޓަރ، ޑރ. އަބްދުﷲ އަބްދުލް ހަކީމްގެ ހަނދާނުގައެވެ. މި ދުވަސް ފާހަގަކުރަނީ 1964 ވަނަ އަހަރު އެޕްރީލް މަހުގެ 18 ވަނަ ދުވަހު އޭނާ ޤައުމީ ޚިދުމަތަށް ނިކުތުމާއި ގުޅުވައެވެ. ދިވެހި ޑޮކްޓަރުންގެ އަގު ވަޒަން ކުރުމަށެވެ.

ޞިއްޙީ ދާއިރާގެ މައިބަދަ ކަމުގައި ޑޮކްޓަރުން ފާހަގަކޮށްލެވޭއިރު ޞިއްޙީ ގޮތުން ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ޑޮކްޓަރުން ތިބެނީ އެންމެ ކުރީ ސަފުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ. ޑޮކްޓަރުން މަސައްކަތް ކުރަނީ، މާލީ މަންފާއަކަށްވުރެ ބޮޑަށް އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ކިތަންމެ ނުރައްކާތެރި ބައްޔެއް ނަމަވެސް، އެކަމަށް ފަރުވާ ދިނުމަށް ނުވަތަ ބަލިމީހާއަށް ލުއި ފަސޭހަކޮށް ދިނުމަށް ޑޮކްޓަރުން މަސައްކަތް ކުރެއެވެ. ވަރުބަލިވުމެއް ނެތިއެވެ. ބަލިމީހާ ފުރިހަމަ ޞިއްޙަތަކަށް ގެނައުމަށް ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް ޑޮކްޓަރުން އެކަމެއް ދޫކޮށްނުލައެވެ.

ހަމައެކަނި ފަރުވާ ދިނުމުގައި ނޫނެވެ. ފަރުވާގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގައިވެސް އިސްދައުރެއް އަދާކުރެއެވެ. ރާއްޖޭގައި ހުރި ތަފާތު އެކި ބަލިތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދެނީ ޑޮކްޓަރުންނެވެ. ގައިގަޔަށް ނާރާ ބަލިތައް ކަމުގައިވިއަސް، އެ ބައްޔަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ކިޔައިދެއެވެ. ބަލިމީހާގެ ރައްކާތެރިކަމާއެކު ފުރިހަމަ ޞިއްޙަތުގައި އިންނަ މީހާއަށްވެސް ބަލައެވެ.

ދިވެހި ކޮންމެ ޑޮކްޓަރެއްގެ އަޒުމަކީ މިގޮތަށް މަސައްކަތް ކުރުމެވެ. މީގެ 62 އަހަރު ކުރިން އެންމެ ދިވެހި ޑޮކްޓަރަކު ހުރި ނަމަވެސް މިއަދު އެއަދަދު ހާހުން ގުނާލެވެއެވެ. އާބާދީގެ ކޮންމެ 500 މީހަކަށް ޑޮކްޓަރެއް ހުންނަ ކަމަށް 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކައެވެ. އަހަރުން އަހަރަށް ދިވެހި ޑޮކްޓަރުން ކިޔަވައި ނިމި ޤައުމީ ޚިދުމަތާއި ގުޅެމުން އަންނަ އިރު މިއަދަދު މިހާރު އިތުރުވާނެކަން ޔަޤީނެވެ. ނަމަވެސް ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ބޭނުންވާ މިންވަރަށް އަދިވެސް ދިވެހި ޑޮކްޓަރުން ނެތެވެ.

ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުވި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ކާމިޔާބީ އަކީ މިކަމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގެ ހެއްކެކެވެ. މިހާތަނަށް އެ ސްކޫލުން 3 ބެޗެއްގެ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް، އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. އައިޝަތު ޝީޒާ އަލީ ވިދާޅުވިއެވެ.

"4 ވަނަ ބެޗުގެ ދަރިވަރުން މިމަހުގެ ތެރޭގައި ދަސްވެނިވާނެ. އެހެންވީމަ މިދެންނެވީ 105 ދަރިވަރުންގެ ކިޔެވުން ނިމުނު ވާހަކަ. ވަރަށް އުފަލާއެކު ފާހަގަކުރަން ފުރަތަމަ ބެޗުގެ ދަރިވަރުން ކިޔެވުން ނިންމާ، މާތްﷲ އިރާދަފުޅާއެކު އައިޖީއެމްއެޗްގައި އިންޓާންޝިޕް ފުރިހަމަކޮށް މިހާރުވަނީ މަސައްކަތަށްވެސް ނިކުމެފައި. އެބެޗުގެ ގިނަ ދަރިވަރުން ދިވެހިރާއްޖޭގައި ޑޮކްޓަރުންގެ ގޮތުގައި ދަނީ ޚިދުމަތް ކުރަމުން " ޑރ. ޝީޒާ ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަގު ނުކުރެވޭ މަސައްކަތެއް ކުރަމުން އަންނަ ދިވެހި ޑޮކްޓަރުން ބިނާކުރުމުގެ މަސައްކަތް ޤައުމީ ފެންވަރެއްގައި މިއަދު ކުރަމުންދާއިރު، މިއީ ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދާ ބާރެކެވެ. ޑރ. އަބްދުﷲ އަބްދުލް ހަކީމް ނިކުންނެވި އަޒުމުގައި މިއަދު ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކުރުމަށް ދިވެހި ޑޮކްޓަރުން އެތިބީ ތައްޔާރަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުޞަތުގެ އިތުރަށް، ޤައުމުތަކާއެކުވެވޭ އެކިއެކި އެއްބަސްވުންތަކާއެކު ބޭރުގެ ޤައުމުތަކުގައިވެސް މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހި ޑޮކްޓަރުންނަށް އޮތީ ފަހިވެފައެވެ.