ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ގާތްވެފައިވަނިކޮށް ސައޫދީ އަރަބިއާގެ ކޯޗު ހާވް ރެނާޑް މަގާމުން ވަކިކޮށްފި އެވެ.
ޖޫން 11 ވަނަ ދުވަހު ފަށާ މުބާރާތަށް ބާކީ އޮތީ އެންމެ 55 ދުވަހެވެ. އޭނާގެ ބަދަލުގައި ކޯޗުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ގްރީސް ކުރީގެ ކުޅުންތެރިޔާ ޖޯޖިއޯސް ޑޯނިސް އެވެ. އޭއެފްޕީއިން ބުނީ މި ވަގުތު ސައޫދީގެ އަލް ޚަލީޖްގެ ކޯޗުކަމުގައި ހުރި ޖޯޖިސްއާއެކު މަޝްވަރާތައް ދަނީ ކުރިއަށެވެ.
އުމުރުން 55 އަހަރުގެ ރެނާޑް މަގާމުން ވަކިކުރި ސަބަބެއް ސައޫދީން ނުބުނެ އެވެ. ނަމަވެސް އޭއޭފްޕީ އަށް އިންޓަވިއު ދެމުން އޭނާ ވަނީ ސައޫދީގެ ނިންމުމާމެދު ޒާތަކަށް މަލާމާތުގެ ރާގެއްގައި ވާހަކަ ދައްކާފަ އެވެ.
"މިއީ ފުޓްބޯޅަ (އިގައި ކަން ހިނގާގޮތް)... ސައޫދީ އަރަބިއާ ވަނީ ހަތް ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވެފައި. މީގެ ތެރެއިން ދެ ފަހަރު ކޮލިފައިވީ އަހަރެންނާއެކޔ. އަދި ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައި ގޮސް ވޯލްޑް ކަޕުގައި ކޯޗުކޮށްދިން ކޯޗަކަށް ހުރީ ވެސް އެންމެ މީހެއް. އެއީ ވެސް އަހަރެން 2022ގައި. އެންމެ ކުޑަމިނުން މިފަދަ ކުޑަކުޑަ ފަހުރުވެރިވާނެ ކަމެއް އެބައޮތް،" ރެނާޑް ބުންޏެވެ.
އެފްރިކާގެ ޗެމްޕިއަންކަން ޒެމްބިއާ އާއި އައިވަރީކޯސްޓަށް ވެސް ހޯދައިދިން ރެނާޑް ވަނީ ދެ ފަހަރެއްގެ މަތީން ސައޫދީގެ ކޯޗުކަންކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ކޯޗަކަށް ހުރީ 2019 އިން 2023 އަށެވެ. ދެ ވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވީ 2024 ވަނަ އަހަރު އިޓަލީގެ ރޮބާޓޯ މަންޗިނީ މަގާމުން އިސްތިއުފާ ދިނުމުންނެވެ.
ރެނާޑްގެ ކޯޗުކަމުގައި އެންމެ ފާހަގަ ކުރެވުނު އެއް ނަތީޖާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބަލިކުރުމެވެ. އޭނާ ވަނީ ސައޫދީގެ އަންހެން ފުޓްބޯޅަ ޓީމު ވެސް ވޯލްޑް ކަޕާއި އޮލިމްޕިކްސްގެ ކުއާޓާ ފައިނަށް ގެންގޮސްދީފަ އެވެ.
ވޯލްޑް ކަޕުގައި ސައޫދީ އަރަބިއާ ހިމެނެނީ ސްޕޭނާއި އުރުގުއޭ އާއި ކެޕްވާޑޭއާއެކު ގްރޫޕް އެޗްގަ އެވެ.