އެމެރިކާ މެެދުވެރިވެ ޔަހޫދީންނާއި ލުބުނާނާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ނަމަވެސް ޔަހޫދީންގެ ޙަމަލާތައް ދެކުނު ލުބުނާނަށް އަދިވެސް ދަނީ އަމާޒުވަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދިޔަ ހަނގުރާމައިގައި ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ނިންމާ، އެ އެއްބަސްވުމަށް ދަނީ ޢަމަލުކުރަމުންނެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ޞުލްޙައިގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ. ހަނގުރާމަ ފެށުނުތާ ކުރީކޮޅު ލުބުނާނުން ހަނގުރާމައިގެ ތެރެއަށް ވަނީ އީރާނަށް އެހީތެރިވުމަށެވެ. އީރާނުން އަބަދު ވެސް ބުނަމުން ދަނީ އީރާނަށް ޙަމަލާ ދިނުން ހުއްޓައިލުމާ އެކުއެކީގައި ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ވެސް ހުއްޓައިލަން ޖެހޭ ކަމަށެވެ. ޔަހޫދީންނާއި އެމެރިކާއިން ބުނަމުން ދިޔައީ އެއީ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމެރިކާ މެދުވެރިވެ އޭޕްރިލް މަހުގެ 17ވަނަ ދުބަހު ޔަހޫދީންނާއި ލުބުނާނުން މިހާރު ވަނީ 10 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ލުބުނާނުގެ ބައިތު ލީފަށާއި ޤަންޠަރައާއި ޠޫލިންއަށް ޙަމަލާ ދީފައެވެ. އަދި ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ހުރި ޢާންމުންގެ ގެދޮރު ސުންނާފަތިކުރަމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން ޙިޒްބުاللهއާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ނިމުމަކަށް ނާންނަ ކަމަށް ބުނެފައެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި މިދިޔަ މާރިޗު މަހުގެ 2ވަނަ ދުވަހުން ފެށިގެން މިހާތަނަށް ލުބުނާނުގައި 2،294 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 7,544 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އީރާނުން ވާގިވެރިވާ ލުބުނާނުގެ ޖަމާޢަތްތަކުން ޔަހޫދީންނާ ދެކޮޅަށް ޙަރަކާތްތެރިވުން ދައްކުވައިދެނީ އެތައް ޒަމާނެއް ވަންދެން މެދުއިރުމައްޗަށް ހުޅަނގުގެ ބާރުތަކުން ފޯރުވަމުންދާ ނުފޫޒާ ދެކޮޅަށް އެ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައެވެ. އަދި ޔަހޫދީން ސަލާމަތީ ޒޯނެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަަށް ހުރަސްއެޅިފައި ވަނީ ޙިޒްބުاللهއާއި އީރާނުގެ ސަބަބުން ކަމަށް ކަމާބެހޭ މާހިރުން ޤަބޫކުރެއެވެ.