ޚަބަރު

މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ އިތުރު


  • މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 1.33 ބިލިޔަން ޑޮލަރު

  • ސަރުކާރުން މިމަހު ސުކޫކް އަނބުރާ ދެއްކުމަށް ރިޒާވް ބޭނުންކޮށްފައިވޭ

މިދިޔަ މާރިޗު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށް ވުރެ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރައްޖެއިން ސުކޫކް ދެއްކުމުގެ ކުރިން ރިޒާވް ހުރި މިންވަރެކެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކަށް ބަލާއިރު ރަސްމީ ރިޒާވް ވަނީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް، ރަސްމީ ރިޒާވުގައި ހުރީ، 1.27 ބިލިޔަން ޑޮލަރެވެވެ. ނަމަވެސް މާރިޗު މަހު މިއަދަދު އިތުރުވެ، 1.33 ބިލިޔަން ޑޮލަރަށް ވަނީ އަރާފައެވެ. މިއީ %4.7 ގެ ކުރިއެރުމެކެވެ. މިއީ ރަސްމީ ރިޒާވް މިހާތަނާށް އެންމެ މަތިވި ފަހަރެވެ.

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.

މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ފެބުރުވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 ބިލިޔަން ޑޮލަރުގައެވެ.

ރަސްމީ ރިޒާވް ހަރުދަނާވުމާއެކު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވަށް ވަނީ ކުރިއެރުން ލިބިފައެވެ. މިދިޔަ ފެބުރުވަރީ މަހުގެ ނިޔަލަށް، ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 337 މިލިޔަން ޑޮލަރުގައެވެ. ނަމަވެސް މާރިޗު މަހުގެ ނިޔަލަށް މިއަދަދު 400 މިލިޔަން ޑޮލަރު ހުރަސްކޮށްފައިވެއެވެ. މާރިޗުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ގާތް ގަނޑަކަށް، 409 މިލިޔަން ޑޮލަރު ހުރިއިރު، މިއީ %21.3 ގެ ކުރިއެރުމެކެވެ.

ރަސްމީ ރިޒާވަށް ކުރިއެރުން އައިސްފައިވާއިރު މާރިޗު މަހުގެ ނިޔަލަށް ހުރި މި އަދަދުތަކަކީ ރާއްޖެއިން މިހާތަނަށް ދައްކަން ޖެހެނު އެންމެ ބޮޑު ދަރަނި ކަމުގައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުގެ ކުރިން ހުރި އަދަދެވެ. ގާތްގަނޑަކަށް މުޅި 8.1 ބިލިޔަން ރުފިޔާ މި ދަރަނީ ދެއްކުމަށް ހޭދަކޮށްފައިވާއިރު، މި ދަރަނި ދެއްކުމަށް ތައްޔާރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ދަރަނި ދެއްކުމަށް ކުރި މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރު ޖަނަވަރީ މަހު ބޭރު ފައިސާގެ އައު ޤާނޫނަކަށް ޢަމަލުކުރަން ވަނީ ފަށާފައެވެ. މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުން ރާއްޖެއަށް ވަންނަ އާމްދަނީގެ ތެރެއިން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. މި ޑޮލަރު ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކާއިރު، މަރުކަޒީ ބޭންކުން ޑޮލަރު ބޭންކުތަކަށް އަލުން ރީއެލޮކޭޓް ކުރެއެވެ. އަދި އޭގެއިން ބައެއް ރިޒާވް ހަރުދަނާ ކުރުމަށްވެސް ބޭނުން ކުރެއެވެ.

މީގެ އިތުރުން ސޮވެރިން އަދުގެ ސަރުކާރުން ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އެންމެ 2 މިލިޔަން ޑޮލަރު ހުއްޓާ އެއަދަދު 275 މިލިޔަން ޑޮލަރަށްވުރެ އިތުރުކޮށްފައިވެއެވެ. ސަރުކާރުން ވަނީ ސުކޫކް އަނބުރާ ދެއްކުމަށް އެސްޑީއެފްއިން 150 މިލިޔަން ޑޮލަރު ބޭނުން ކުރާނެކަން މީގެ ކުރިން ހާމަކޮށްފައެވެ.

ސަރުކާރުން ސުކޫކު މިމަހުގެ 2 ވަނަ ދުވަހު އަނބުރާ ދައްކާފައިވާއިރު، މި ދަރަނި އަދާކޮށްފައިވަނީ އިތުރު އެއްވެސް ދަރަންޏެއް ނުނަގައިކަން ސަރުކާރުން ފާހަގަކުރެއެވެ.