ޚަބަރު

ހަތަރު މިލިޔަން ރުފިޔާ ވަގަށް ނެގުން: އިތުރު މީހަކު ހައްޔަރުކޮށްފި


  • މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މާރިޗު 16ވަނަ ދުވަހު

  • މިއީ މި މައްސަލައިގައި ހައްޔަރުރި 5ވަނަ މީހާ

  • ވަގަށް ނެގި ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދުނީ ބައިލައްކަ ރުފިޔާ

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ.ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް އުމުރުން 47 އަހަރުގެ ޖަޒީލު މުޙައްމަދުއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީގެކުރިން ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 ވަނަ މީހާއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އިތުރު މީހުންނަކީ:

- ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު (40އ)
- ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް (40އ)
- ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް (36އ)
- މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް (39އ)

މި ވައްކަމުގައި ޖުމުލަ ހަތަރު މިލިޔަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 50،000 ފަންސާސް ހާސް ދިވެހި ރުފިޔާކަމަށް ފުލުހުން މައުލޫމާތުދެއެވެ.