ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ %93 ނިމިފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ފެއްޓެވި މަސައްކަތުގެ ދަށުން، ޕޭ ހާމަނައިޒް ކުރަންޖެހޭ %93 މުވައްޒަފުންގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
"މި މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ، ބާކީ ހުރި 7 އިންސައްތަ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އިރުޝާދުދީފައި. ރައީސް އޮފީހުން އަންގާފައިވަނީ، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ބާކީ ތިބި މުވައްޒަފުންނަށްވެސް މި ބަދަލުގެ ފައިދާ ލިބޭނެ ގޮތް ހެދުމަށް." މާލީ ވަޒީރު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، ބާކީ ހުރި %7 މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަންވެސް މާލީ ވަޒީރު މޫސާ ޒަމީރު ދެއްވިއެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ. ނޭޝަނަލް ޕޭ ފްރޭމްވޯކަކީ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަ ކުރުމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ސަޤާފަތެއް އާލާކުރުމަށެވެ. މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، ވަރކް-ލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުން ހިމެނޭ ކަމަށްވެސް މާލީ ވުޒާރާއިން މައުލޫމާތުދެއެވެ.