ބައެއް ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވާހަކަދައްކާ، މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ގޮވާލައިފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުތަކުގައި މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި، މީޑިއާ މެދުވެރިކޮށް އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވާކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 27ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރެއިން ބޭނުންކުރަންޖެހޭ ހައްގެއްކަން ފާހަގަކުރަމުން އެޗްއާރުސީއެމުން ވިދާޅުވީ، އަނެކާއަށް އިޙްތިރާމް ކުޑަނުވާނެ ގޮތަށް އެހައްގުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކަކީ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ކަންކަމަށް ވެގެންނުވާނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ނޫސްބަޔާން:https://t.co/ycJrbOE1vD pic.twitter.com/4jaYyKgbbA
— HRC of the Maldives (@hrcmv) April 20, 2026
އެޗްއާރުސީއެމުން ވަނީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ޚިޔާލުފާޅުނުކުރުމަށް ގޮވާލައްވާފައެވެ. އަދި މިއީ ގާނޫނުއަސާސީއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫހާ ޚިލާފު އަމަލުތަކެއް ކަމަށް ވިދާޅުވިއެވެ.
އެޗްއާރުސީއެމުން ވަނީ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ގަވައިދާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން އެދިފައިވެއެވެ.
ބަޔާން ނިންމާލަމުން އެ ކޮމިޝަނުން ވަނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.