ޚަބަރު

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަނީ މަދު އުޅަނދެއް


ފާއިތުވި ހަފްތާ ބަންދުގެ ތެރޭގައި އެމެރިކާއިން އީރާނުގެ އާގުބޯޓެއް އަތުލައިގަތުމުންނާއި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް އިންޒާރު ދިނުމުގެ ގޮތުން އީރާނުން ބަޑިޖަހައިފާ ވާތީ، މަދު އުޅަނދެއް ނޫނީ އެ ކަނޑުއޮޅި ބޭނުން ނުކުރާ ކަމަށް ވަނީ ފާހަގަވެފައެވެ.

އޭޕްރިލް މަހުގެ 17ވަނަ ދުވަހު އީރާނުން ވަނީ ޔަހޫދީން ލުބުނާނަށް ދެމުންދިޔަ ޙަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތު ހަމަވަންދެން ހުރްމުޒް ކަނޑުއޮޅި ހުޅުވާލާފައި އޮންނާނެ ކަމަށް ބުނެފައެވެ. އެ އިޢުލާނާއެކު ގިނަ ޢަދަދެއްގެ އުޅަނދު ވަނީ އެ ކަނޑުއޮޅި ހުރަސްކޮށްފައެެވެ. ނަމަވެސް، ހަ ހަފްތާ ވަންދެން ޙަމަލާ ބަދަލުކުރުމަށް ފަހު އީރާނާއި އެމެރިކާއާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް އަނެއްކާ ވެސް ވަނީ ހިޔަނި އެޅިފައެވެ. އެމެރިކާއިން އީރާނުގެ ބޯޓެއް އަތުލައިގަތުމުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި އިތުރު ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ވެސް އީރާނުން ވަނީ ދެކޮޅު ހަދައިފައެވެ.

އެއާއެކު ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ގަލްފުން ބޭރުވެފައި ވަނީ އެންމެ ބޯޓެކެވެ. އަދި އެ ކަނޑުއޮޅީގެ މަގުން ގަލްފަށް ވަދެފައި ވަނީ އެންމެ ދެ ބޯޓެވެ. ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 130އެއްހާ އުޅަނދު މި ކަނޑުއޮޅި ހުރަސްކުރަމުން ދިޔައެވެ. އެ ޢަދަދާ އަޅާ ކިޔާނަމަ މިހާރު އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުގެ ޢަދަދަކީ ވަރަށް ކުޑަ ނިސްބަތެެކެވެ.

އެންމެ ފަހުން ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ގަލްފުން ނިކުމެފައި ވަނީ ނީރޯ ކިޔާ ތެޔޮ ޓޭންކަރެކެވެ. އެ މަގުން ގަލްފަށް މިހާރު އެތެރެވެފައިވާ ދެ އުޅަނދަކީ ކެމިކަލް ޓޭންކަރެއް ކަމަށްވާ ސްޓާވޭއާއި އެލްޕީޖީ އުފުލާ ގޭސް ޓޭންކަރެއް ކަމަށްވާ އެކްސޮން-1އެވެ. މި އުޅަނދުތަކުގެ ތެރެއިން ނީރޯއަކީ ރަޝިޔާއާ ގުޅުންުހުރި ޙަރަކާތްތަކަކާ ގުޅިގެން އެ އުޅަނދާ ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ. އަދި އެކްސޮން-1 އަކީ އީރާނާ ގުޅުން އޮތުމުން އެމެރިކާއިން އެ އުޅަނދާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ޓޭންކަރެކެވެ.