ޚަބަރު

"ހިޕް" ބްރޭންޑުގެ ކާނާ ބޭނުން ނުކުރަން އިލްތިމާސްކޮށްފި


  • ހިޕް ބްރޭންޑަކީ ޖަރުމަނުގެ މަޝްހޫރު ކުޑަކުދިންގެ ކާނާ އުފައްދާ ކުންފުންޏެއް

  • ބެލެނިވެރިން މިފަދަ ތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ

"ހިޕް" ބްރޭންޑުގެ އުފެއްދުމަކުން މީދާ މަރާ ވިހަ ނުވަތަ ރޮޑެންޓްސައިޑް ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ބްރޭންޑުގެ އުފެއްދުންތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އިލްތިމާސްކޮށްފިއެވެ.

ހިޕް ބްރޭންޑަކީ ޖަރުމަނުގެ މަޝްހޫރު ކުޑަކުދިންގެ ކާނާ އުފައްދާ ކުންފުންޏަކުން އުފައްދާ ބްރޭންޑެކެވެ.

އޮސްޓްރިއާގައި ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން، އެ ގައުމުގެ ބާޒާރުގައި ހުރި ހިޕް ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ބާވަތްތައް މިހާރު އަންނަނީ އަނބުރާ ނަގަމުންނެވެ. އޮސްޓްރިއާގެ ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު އޭގެއިން މީދާ ވިހަ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޖަރުމަނާއި، ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާގެ ފުލުހުންވެސް އަންނަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައި ބަލަމުންނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި އުފެއްދުމަކީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމެއް ނޫން ކަމަށެވެ.

އެެހެންނަމަވެސް، އަމިއްލަ ބޭނުންތަކަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުން ޝައްކު ކުރަނީ މިއީ އެ ކުންފުންޏަށް ބިރުދައްކައިގެން ފައިސާ ހޯދުމަށް ބަޔަކު ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. ހިޕް ކުންފުނިންވެސް ވަނީ މިއީ ކާނާ އުފެއްދުމުގެ މަރުހަލާގެ ތެރޭގައި ދިމާވި މައްސަލައެއް ނޫން ކަމަށާއި، މިއީ ބަޔަކު ގަސްދުގައި ކާނާ ތަޣައްޔަރު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ބެލެނިވެރިން މިފަދަ ތަކެތި ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.