މާލޭގެ މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބިން ހުސްކުރުމުގައި ސިޓީ ކައުންސިލުން އެކަށީގެންވާ އެއްބާރުލުން ނުދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ގަސްތުގައި ސަރުކާރަށް ހުރަސް އަޅާކަމަށް ފާހަގަކުރެވޭކަމަށެވެ. އެގޮތުން މާރުކޭޓު ސަރަޙައްދުގެ މަގު ތަރައްޤީކުރިއިރު، އެތަނުގެ މަގު އެއްވަރުކޮށް، ޕޭމަންޓް ތަރައްޤީކުރަން ލޯކަލް މާރުކޭޓު ހިމެނޭ ސަރަޙައްދުން އެކަމަށް ބައެއް ހުސްކުރަން އެންގުމުން އެކަމަށް އެއްބާރުލުން ނުދިންކަމަށެވެ.
މަގުގެ އެ ސަރަޙައްދު ހުސްނުކުރުމުގެ ސަބަބުން، ތާރު އަޅާ މަގު ހަދަން ޖެހުނީ ޕޭމަންޓް ނަހަދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އިންތިޒާމު ހަމަޖައްސައިނުދިންކަމަށް ރައީސް ވިދާޅުވިއެވެ.
"އޭރު ބުނެބުނެވެސް ހުސްކޮށް ނުދިން. މިހާރު މާރުކޭޓު އިމާރާތުގެ ބުޑާ ހަމައަށް ތާރު އަޅާފައި އޮންނާނީ، ޕޭމަންޓެއް ނޯންނާނެ. މާލެ ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުމެއް ނުދިން." ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވާނީ މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިން ނަގާ އެތަނުގައި މާރުކޭޓް ކޮމްޕެލެކްސްއެއް ތަރައްޤީކުރުމަށްވެސް ނިންމާފައެވެ. އެ ސަރަޙައްދުގެ ހުރިހާ މާރުކޭޓުތައް އެއްކޮށްލާ، 6 ފަންގިފިލާގެ އިމާރާތެއް އެޅުމަށް އެ މަސައްކަތް މިއަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ.
ރައީސް ވިދާޅުވީ މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސްއިން ފައިނޭންސް ހަމަޖެހި، މަސައްކަތްތައް ހަވާލުކޮށް ނިމިފައިވާކަމެއްކަމަށާއި، ނަމަވެސް ޢަމަލީ މަސައްކަތް ނުފެށި ވަނީ އެ ބިން ހުސްކުރުމުގައި އެއްބާރުލުން ނުދީގެންކަމަށެވެ.
"މަސައްކަތް ފަށަން ހުސްކުރަން އަންގައިގެން ހުސްނުކޮށްގެން މިމަހުގެ 18ވަނަ ދުވަހާ ހަމައަށް މުޙުލަތެއް ދިނީ. ޤާނޫނުގައި އޮންނާނެ އެއްބާރުލުން ނުދީފިއްޔާ ކަމާބެހޭ މިނިސްޓީއަށް އެތަނެއް ނަގައިގެން މަސައްކަތް ގެންދެވޭގޮތަށް. އެ މާއްދާ ބޭނުންކުރާގޮތަށް އެންމެފަހުން އަންގައިގެން މިހާރު އެތަން އެ ހުސްކުރަނީ." ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުއަކީ މާލޭގެ ބާޒާރުމަތީ ސަރަޙައްދު ތަރުތީބުކޮށް، ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ވަރަށް މުހިންމު މަޝްރޫޢުއެކެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދަން ހަވާލުކޮށްފަވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އިމާރާތް އަޅަނީ 15،525 އަކަފޫޓުގެ ޖާގައިގައެވެ. ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑެވެ. މުޅި ޖުމުލަ 455 ގޮޅި މި މާރުކޭޓު ކޮމްޕްލެކްސްގައި ޤާއިމުކޮށް ދޫކުރާނެއެވެ.
މަސްމާރުކޭޓު، ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ދެން ހިންގާނީ އެއް އިމާރާތެއްގައެވެ.
މިއީ 126.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 8 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.