ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމަށްފަހު، އެ ސަހަރު އާރާސްތުކޮށް އަލުން ބިނާކުރުމަށް ކުރިއަށް އޮތް ދަހަރެއްހާ ދުވަހުގެ ތެރޭގައި 71 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވާނެ ކަން އެކުވެރި ދައުލަތްތަކާއި (އދ) ވިލާތުގެ އިއްތިޙާދުން (އީޔޫ) ހާމަކޮށްފިއެވެ. ޣައްޒާއަށް ޔަހޫދީން ދީފައިވާ ގެއްލުންތަކުގެ ޙާލަތު ވަޒަންކޮށް އދއާއި އީޔޫން ޝާއިޢުކުރި "ޣައްޒާ ރެޕިޑް ޑެމޭޖް އެންޑް ނީޑްސް އެސެސްމަންޓް" ރިޕޯޓުގައި ބުނީ، ޔަހޫދީންގެ ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގެ ޙާލަތު 77 އަހަރު ފަހަތަށް ވެއްޓިފައިވާ ކަމުގައެވެ.
ޣައްޒާގައި އެންމެ އަސާސީ ޚިދުމަތްތައް އިޢާދަކުރުމަށް ކުރިއަށް އޮތް 18 މަސްދުވަހަށް އެކަނިވެސް 26.3 ބިލިޔަން ޑޮލަރު ބޭނުންވާނެ ކަމުގައި ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި 371,888 ގެދޮރު ހަލާކުކޮށްލައި، އުމްރާނީ ވަސީލަތްތަކަށް 35.2 ބިލިޔަން ޑޮލަރުގެ ގެއްލުންދީފައިވާއިރު، އެ ސަހަރަށް ލިބިފައިވާ އިޤުތިޞާދީ ގެއްލުމުގެ އަގު 22.7 ބިލިޔަން ޑޮލަރަށް އަރާނެ ކަމުގައި ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ޔަހޫދީންގެ ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ 2025 އޮކްޓޫބަރުގައެވެ. ނަމަވެސް، ޣައްޒާގެ މީޑިއާ އޮފީހުން ބުނީ، ޔަހޫދީ ފައުޖުން 2,400 އަށްވުރެ ގިނަ ފަހަރު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައެވެ. ޔަހޫދީންގެ ޤަތުލުޢާންމުގައި ޣައްޒާއިން 72,500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އެޕްރީލު މަހު އެކަނިވެސް 32 މީހަކު ޝަހީދުކޮށްލާފައިވެއެވެ.
އދއިން ބުނީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ދީފައިވާ ގެއްލުމާއެކު، އެ ސަހަރުގެ ބިންތަކުގައި 61 މިލިޔަން ޓަނުގެ ކުނިބުނި އުފެދިފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ އިޤުތިޞާދު %84 ދަށަށް ގޮސް، 1.9 މިލިޔަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމުގައި ވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އދއާއި އީޔޫން ބާރުއަޅަނީ ޣައްޒާ އާރާސްތުކުރުމަކީ ފަލަސްޠީނުގެ އިސްނެގުމުގެ މަތިން، ފަލަސްޠީނުގެ ރައްޔިތުންގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތަކަށް ހެދުމަށެވެ. މިއީ، ޣައްޒާގެ ބިންތައް ފޭރިގަނެ، އެ ބިންތަކުގައި މަތީ ފަންތީގެ ރިސޯޓުތަކެއް ހެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އދއާއި އީޔޫން ދީފައިވާ ވަރުގަދަ ރައްދެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.