ޚަބަރު

މަސްވެރިންނަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ


  • އެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ

  • ތެޔޮ އަޅަން ދާއިރު ލައިސަންސްގެ ކޮޕީއާއި އެންމެ ފަހުން މަސްކިރުވި ރަސީދު ގެންދަންޖެހޭ

މަސްވެރިކަން ކުރާ ހުރިހާ ދޯނިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ.

އެގޮތުން މާރިޗު މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ޤާއިމް ކޮށްފައިވާ އިތުރު 8 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެކަމަށެވެ.

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސަރަޙައްދުތައް:

• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ބ. އޭދަފުށި
• ފ. ނިލަންދު
• ކ. ހިންމަފުށި
• ރ. ދުވާފަރު
• ދ. ކުޑަހުވަދޫ
• ޅ. ފެލިވަރު
• ގއ. ކޫއްޑޫ
• ފުވައްމުލައް ސިޓީ
• ސ. ހުޅުމީދޫ
• ހުޅުމާލެ ޖެޓީ

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން އަގު ހެޔޮކޮށް މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެކަމަށެވެ.

ތެޔޮ އަޅަންދާއިރު މަސްވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ލައިސަންސްގެ ކޮޕީއާއި އެންމެ ފަހުން މަސްކިރުވި ރަސީދު ގެންދަން ޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.


މަސްވެރި އުޅަނދުތަކަށް އަގު ހެޔޮ ރޭޓުގައި ތެޔޮ ދިނުމަށް، ހަމަޖެހިފައިވާ މިންވަރުވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

• 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް - 5000 ލީޓަރު (މަހަކަށް 2 ދަތުރު)
• 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް - 3000 ލީޓަރު (މަހަކަށް 3 ދަތުރު)
• 50 ފޫޓުން ދަށުގެ އުޅަނދުފަހަރު - 1500 ލީޓަރު (މަހަކަށް 3 ދަތުރު)

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

• 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް - 1800 ލީޓަރު (މަހަކަށް 5 ދަތުރު)
• 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް - 1200 ލީޓަރު (މަހަކަށް 5 ދަތުރު)
• 50 ފޫޓުން ދަށުގެ އުޅަނދުފަހަރު - 600 ލީޓަރު (މަހަކަށް 5 ދަތުރު)

މި ނިންމުމުގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. ނަމަވެސް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތަށް ނެތް ކަމަށާއި މިހާރު ހުރި ސްޓޮކްއިން މެނޭޖްކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.