ޚަބަރު

ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ މަތީ ޢުމުރުފުރާ 75 އަހަރަށް އިތުރުކޮށްފި


  • ކުރިން 60 އަހަރަށްވުރެ ޢުމުރުން ދުވަސްވެއްޖެނަމަ ލޯނު ދޫނުކުރޭ

  • މި އަހަރުގެ މިހާތަނަށް ލޯނުގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ދޫކޮށްފައިވޭ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް އިތުރުކޮށްފިއެވެ.

ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ ބޯޑުން މިހާރު ބޭންކުން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާއަށް ބަދަލު ގެނެސްފައިވާކަމަށެވެ.

މީގެކުރިން ބީއެމްއެލްއިން ލޯނު ދޫކުރަމުން ދިޔައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭގޮތަށެވެ. ނަމަވެސް މިހާރު މި އުމުރުފުރާ 75 އަހަރަށް އިތުރުކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މި ބަދަލާއެކު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ލޯނަށް އެދި ހުށައެޅޭނެއެވެ.

"60 އަހަރަށްވުރެ އުމުރުން ދުވަސްވެއްޖެ ބޭފުޅަކަށް ލޯނެއް ނުދެވޭ. މިސާލަކަށް 55 އަހަރުވީ ބޭފުޅަކަށްވެސް މިހާރު ލޯނެއް ދެވޭނީ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމޭނެ ލޯނެއް. މިހާރު އަޅުގަނޑުމެން ބަދަލުމިކުރީ 75 އަހަރަށް. އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށްވެސް މެދުއުމުރުގެ ބޭފުޅުންނަށްވެސް އިތުރު ފަސޭހައެއް ވެގެންދާނެ. އެއީ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ 75 އަހަރަށް އުމުރަށް އިއްޔެ ބޯޑުން ވަނީ ނިންމާފައި". ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނަކީ ސަރވިސް ޗާޖާއި މުސާރަ ޑޮލަރުން ލިބޭ ފަރާތްތައްކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ބީއެމްއެލްއިން އެ ފަރާތްތަކަށް ކުޑަ އަގެއްގައި ލޯނު ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އެއީ އެ ފަރާތްތަކުން ލޯނު އަނބުރާ ޑޮލަރުން ދައްކާނަމަކަމަށް ސީއީއޯ ވިދާޅުވިއެވެ.

"ޑޮލަރުން އިންކަމް ލިބޭ ފަރާތްތައް ޑޮލަރުން ލޯނު ރީޕޭކުރާކަމަށްވަންޏާ އަޅުގަނޑުމެން މިހާރު އެ ފަރާތްތަކަށް ތަންކޮޅެއް ކުޑަ އަގުގައި ލޯނެއް ނެގޭނެ ގޮތެއްވެސް ހަމަޖައްސާފައި މިވަނީ. އެއީ ނޯމަލް އިންޓްރެސްޓް ރޭޓުން ބަލާއިރު %1.5 ކުޑަކޮށް އަދި އިކުއިޓީވެސް އިންވެސްޓްކުރަންޖެހޭ ވަރު %5 އަށް ކުޑަކޮށް. އެހެންވީމަ އެގޮތައް. މި އެޕްލައިކުރެވޭނެ ރާއްޖެއިން ބޭރުގައި ތިބެގެން އާމް މި އިންތިޒާމް ވާނީ ހަމަޖައްސާފައި." ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އެ ބޭންކުން ލޯނުގެ ގޮތުގަިއ 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މިއީ މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ %50 އަށްވުރެ ބޮޑު މިންވަރެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިދާޅުވެއެވެ.