ޚަބަރު

ފުރަތަމަ ކުއާޓަރުގައި ޓީޓީ ހެދުމަށް 100 މިލިޔަން ޑޮލަރު


  • މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކާފައި ވަނީ 14.6 މިލިޔަން ޑޮލަރުގެ ޓީޓީ

  • މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަހެއްގެ މައްޗަށް 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ދޫކުރި

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީއަށް 100 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ސީއީއޯ މިހެން ވިދާޅުވީ، އެ ބޭންކުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށެވެ.

2025ވަނަ އަހަރު އެވްރެޖްކޮށް މަހަކަށް އެ ބޭންކުން ވިއްކާފައިވަނީ 14.6 މިލިޔަން ޑޮލަރުގެ ޓީޓީކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރއަށް ބަލާއިރު މަހެއްގެ މައްޗަށް އެ ބޭންކުން 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

"އެޕްރީލް މަހު އެކަނި އިއްޔެގެ ނިޔަލަށް 27 މިލިޔަން ޑޮލަރު 7200 ޓީޓީއަށް ވިއްކާފައި އެބަވޭ. މި ހަފްތާގައި އާދިއްތަ ދުވަހާއި ހޯމަ ދުވަހު މި 2 ދުވަހު އެކަނިވެސް 2 މިލިޔަން ޑޮލަރު 615 ޓީޓީއަށް ވިއްކާފައި އެބަވޭ. މިއަދުވެސް ވިއްކާނެ." ޝަރީފް ވިދާޅުވިއެވެ.

މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު މި މަހުގެ ތެރޭގައި 2 ގުނަ އިތުރުވެފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

އެގޮތުން 2025ވަނަ އަހަރު މަހަކަށް 32.5 މިލިޔަން ޑޮލަރު ކާޑުތަކަށް ވިއްކާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މަހަކަށް ކާޑުތަކަށް 40 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 631 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %27 އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.24 ބިލިޔަން ރުފިޔާއެވެ. ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ %24 އަށް ދަށްވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި މި އަދަދު ހުރީ %25 ގައެވެ.