ޚަބަރު

މެދުއިރުމަތީގެ ހަނގުރާމަ: ތާރީޚުގައި މިހާތަނަށް ހަކަތައިގެ އެންމެ ބޮޑު ކާރިޘާ


އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރު ޤާނޫނީ ހަނގުރާމައިގެ ލޮޅުންތައް ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް އަރައި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވަނީ ދުނިޔޭގެ ތާރީޚުގައި އެންމެ ބޮޑު ހަކަތައިގެ ކާރިޘާގެ ގޮތުގައި، ބައިނަލްއަޤްވާމީ ހަަކަތައާބެހޭ އިދާރާ، އައިއީއޭއިން ސިފަކޮށްފިއެވެ.

ފަރަންސޭސިވިލާތުގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި، އެ އިދާރާގެ އެންމެ އިސްވެރިޔާ ފާތިޙް ބިރޫލް ވިދާޅުވި ގޮތުގައި އީރާނުގެ ހަނގުރާމައިގެ އިތުރުން ރަޝިޔާ އާއި ޔޫކްރޭނުގެ ހަތަރު އަހަރުވީ ހަނގުރާމައިގެ ސަބަބުން، ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވަނީ ތާރީޚު ދުށް އެންމެ ބޮޑު ހަކަތައިގެ ކާރިޘާކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިދިޔަ ފެބްރުއައީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން ވަނީ އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އެއާއެކު އީރާނުން ވަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދަތުކުރުނީ އެ ކަނޑުއޮޅި ހުރަސްކޮށްކަމަށްވާއިރު، އެ ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.

މި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ސާފުނުކުރާ ތެޔޮ ނެރުމުގައި ކުރިމަތިވި ހުރަސްތަކުގެ ސަބަބުން 50 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ގެއްލިފައިވާ ކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.

ތެޔޮ ލިބުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، އައިއީއޭގެ އެމަޖެންސީ ރިޒާވުން 400 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރެން މިދިޔަ މަހުގެ ތެރޭގައި އެ އިދާރާއިން ވަނީ ނިންމައިފައެވެ.

އައިއީއޭގެ މެންބަރު ޤައުމުތަކުގެ އަތުގައި 1.2 ބިލިޔަން ފީފާއަށްވުރެ ގިނަ ޢަދަދެއްގެ އެމަޖެންސީ ތެޔޮ ސްޓޮކު ހުރެއެވެ. އަދި ތެޔޮ ކުންފުނިތަކުގެ ރިޒާވްގައި 600 މިލިޔަނަށްވުރެ ގިނަ ފީފާ ސަރުކާރުތަކުން ހިފަހައްޓާފައި ހުރެއެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މިހާރު ކުރިމަތިވެފައިވާ ދަތިކަމަކީ، 1973، ⁠1979 އަދި 2022 ވަނަ އަހަރުގެ ތެރޭގައި އައި ތާށިކަމަށް ވުރެ ގޯސް ޙާލަތެއް ކަމަށް ބިރޫލް ވަނީ މީގެކުރިން ވެސް ވިދާޅުވެފައެވެ.