ބޯޓުފަހަރުގައި ބޭނުންކުރާ އަޑީތެލުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ސާފުނުކުރާ ތެލުގެ ބާވަތެއް ކަމަށްވާ “ހެވީ ސްވީޓް” ހޯދުމުގައި އަޑީތެޔޮ އުފައްދާ ކުންފުނިތަކަށް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.
ހެވީ ސްވީޓްއަކީ ސަލްފަރގެ މާއްދާ މަދުން ހިމެނޭ ތެލުގެ ބާވަތެކެވެ. އެ ތެލަކީ އަޑީތެޔޮ އުފެއްދުމަށް ތެލުގެ އެހެން ބާވަތްތަކާ އެއްކުރާ ތެލެކެވެ. އެ ތެޔޮ ހޯދުމަށް ދަތިވެފައި މި ވަނީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، އެ ތެޔޮ ހޯދުމަށް ގިނަ ކުންފުނިތަކަކުން މަސައްކަތްކޮށް، ސްޓޮކް މަދުވެފައިވާ މި ދަނޑިވަޅުގައި އެ ތެލަށް އޮތް ޑިމާންޑު އިތުރުވުމާ ގުޅިގެންނެވެ.
ސާފުނުކުރާ ތެލުގެ ސްޓޮކް މަދުވެފައިވާއިރު، ކުންފުނިތަކުން ސަލްފަރގެ މިންވަރު މަދު ތެޔޮ، ނުވަތަ އެލްއެސްއެފްއޯ އުފައްދާ މިންވަރު ވެސް ވަނީ ދަަށަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އަޑީ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އާންމު ގޮތެއްގައި ސާފު ނުކުރާ ތެލުގެ ބައެއް ބާވަތްތައް ފުރަތަމަ ފޮނުވަނީ ސިންގަޕޫރާއި، އެކުވެރި ޢަރަބި އިމާރާތުގެ ފުޖައިރާ ފަދަ ތަންތަނުގައި ހުންނަ ހަބުތަކަށެވެ. އެ ގޮތުން ދެކުނު ސޫދާނުގައި އުފައްދާ ‘ދާރު ބްލެންޑް’ގެ ތެލާއި އޮސްޓްރޭލިޔާގެ ‘ވިންސެންޓް’ އަދި ‘ޕައިރެނީސް’ ވެސް ފޮނުވަނީ މި ފަދަ ހަބުތަކަށެވެ. މި ބާވަތްތަކަކީ ބޯޓުފަހަރުގައި ބޭނުންކުރާ، ވަރަށް މަދުން ސަލްފަރ ހިމެނޭ ތެލުގެ ބާވަތެއް ކަމަށްވާ ވީއެލްއެސްއެފްއޯއާ އެއްކުރަން ފަސޭހަ ބާަވަތްތަކެެކެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުން ފެށުނު ހަނގުރާމައިގެ ސަބަބުން އަޑީތެޔޮ އުފެއްދުމަށް ބޭނުންކުރުމުގެ ބަދަލުގައި، މި ފަދަ ތެޔޮ ފޮނުވަމުންދަނީ ރިފައިނަރީތަކަށެވެ. އެއީ މެދުއިރުމަތިން ތެޔޮ ލިބުމަށް ދަތިވެފައިވާތީ، ޑިސެލްއާއި ޖެޓް ފިއުލް ފަދަ ބާވަތްތައް އުފެއްދުމަށް އެ ތެޔޮ ބޭނުންކުރަން ރިފައިނަރީތަކުން އިސްކަން ދޭތީއެވެ.
އެ ގޮތުން މާރިޗު މަހާއި އޭޕްރިލް މަހާ ދެމަހު އެކަނި ވެސް ޗައިނާއިން ވަނީ ދާރު ބްލެންޑުގެ 300،000 މެޓްރިކް ޓަނުގެ ތެޔޮ މަހެއްގެ މައްޗަށް އެ ޤައުމަށް އެތެރެކޮށްފައެވެ. އޭގެ ކުރީ މަހު އެ ޤައުމުން މި ބާވަތުގެ ތެޔޮ އެއްވެސް މިންވަރަކަށް އެތެރެކޮށްފައެއް ނުވެއެވެ.
ހަނގުރާމައިގެ ކުރިން ވެސް ހެވީ ސްވީޓް ސާފުނުކުރާ ތެލަކީ ބާޒާރުގައި ފަސޭހައިން ލިބެން ހުންނަ ބާވަތެއް ނޫނެވެ. ސަބަބަކީ އެ ތެލަކީ ވަކި ޚާއްޞަ ސަރަޙައްދުތަކެއްގައި އެކަނި ތައްޔާރުކުރާ ތެލަކަށް ވާތީއެވެ.