އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގުގައި އެ ޓީމު ބަލިވެއްޖެ އެވެ.
މި މެޗުން ޗެލްސީ ބަލިވިއިރު މިއީ 1912 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ޗެލްސީ ލީގުގައި ލަނޑެއް ނުޖެހި ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ފަސް މެޗުގައިވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މި ސީޒަނުގެ މެދު ތެރޭގައި އެންޒޯ މަރެސްކާ ކޯޗު ކަމުން ވަކިކުރުމަށްފަހު ލިއާމް ރޮޒޭނިއާގެ އިރުޝާދުގެ ދަށުން ޗެލްސީ އިން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކާއިއެކު ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ ކޯޗަށް އަމާޒުވެފަ އެވެ. ޚާއްސަކޮށް ޗެލްސީގެ ކުރީގެ ކުޅުންތެރިންގެ ފާޑުކިއުންތައް ފާޙަގަކޮށްލެވެއެވެ.
ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި އެއްތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ބްރައިޓަންގެ ފާޑީ ކަޑިއޮގްލޫ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޓޮޓްނަމް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު ޗެލްސީ އަށް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލައެއްވެސް އުފެއްދިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިނުއިރު 1-0 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެކް ހެންޝެލްވުޑް އެވެ.
ބްރައިޓަން އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޑެނީ ވެލްބެކް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުން މޮޅުވުމާއިއެކު ބްރައިޓަން އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ޗެލްސީއަށް ލިބިފައިވާ 48 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ ހަތްވަނަ އަށް ވެއްޓިފަ އެވެ.