ޚަބަރު

"ޓެނިހުގެ ވަރުގަދަ ޒުވާން ޖީލެއް އަންނަނީ ބިނާވަމުން"


  • ބޭޒްވޯޓާ ޓެނިސް މުބާރާތުގެ ސިންގަލްސްގެ ޗެމްޕިއަނަކީ ފާއިހް

  • ޑަބަލްސް ޗެމްޕިއަންކަން ހޯދި ޕެއާގައި ވެސް ފާއިހް ހިމެނޭ

ރާއްޖޭގެ ޓެނިހުގައި ހުނަރުވެރި، ވަރުގަދަ ޒުވާން ޖީލެއް ބިނާވަމުން އަންނަކަމަށް ޓެނިސް ތަރި ޢަބްދުﷲ ފާއިހް ފަޒީލް ބުނެފިއެވެ.

މާލޭ ޓެނިސް ކޯޓުގައި މިދިޔަމަހުގެ 24 އިން މިމަހުގެ 4 ގެ ނިޔަލަށް ކުރިއަށް ދިޔަ ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ ޗެމްޕިއަންކަން ހޯދުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ފާއިހް ބުނީ، މިއީ ޑޭވިސް ކަޕަށް ތައްޔާރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅިގެންދިޔަ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

މުބާރާތުގައި ވާދަކުރި ކުޅުންތެރިންނާ ގުޅޭގޮތުން ވާހަކަދައްކަމުން ފާއިހް ބުނީ، ޖުމްލަ ގޮތެއްގައި ވަރަށް ހުނަރުވެރި، މޮޅު ޒުވާން ކުޅުންތެރިންތަކެއް މި މުބާރާތުގެ ތެރެއިން ފެނިގެންދިޔަ ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ހަކަތައާއު އެއް ހަމައެއްގައި ވާދަކުރުން އެއީ އުނދަގޫކަމެއްކަން ފާއިހް ފާހަގަކުރިއެވެ.

"ޔަންގް ޕްލެޔަރސްތައް ވަރަށް ކުރިއަރައިފި މިހާރު. އެކުދިންގެ އެނާޖީއާއި ބުންވަރާ އެއްވަރަށް ހިފަހައްޓާލަން، އިޓްސް އަ ބިޓް މޯ ޗެލެންޖިންގް މިހާރު. ކުރިއަށްވުރެ ފާސްޓް ގޭމެއް މިހާރު ކުޅެންޖެހެނީ". ފާއިޙް ބުންޏެވެ.

މި މުބާރާތުގެ ފެންވަރާއި ވާދަވެރިކަން ބޮޑުވެއްޖެކަމަށް ފާއިހް ބުނެފައިވާއިރު މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ފާއިހުއެވެ. ފާއިހު އެ ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ލޫޠު އަޤްލީމް އަހްމަދު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ފާއިހް ނެގީ 06-01 އަދި 06-02 އިންނެވެ.

މީގެއިތުރުން މުބާރާތުގެ ފިރިހެނުންގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފާއިހު އަދި އަޙްމަދު ސާއިޙް ވަހީދުގެ ޕެއާއިންނެވެ. މި ދެ ކުޅުންތެރިންގެ ޕެއާއާއި ފައިނަލުގައި ވާދަކުރީ ނޫހު ނާޒިހް އަދި ހުސެއިން ނާޒިފްގެ ޕެއާއެވެ.

ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލް މެޗުތައް ފެނިގެންދިޔަ މިމުބާރާތުގައި 45 އަހަރުންމަތީގެ ކުޅުންތެރިންވެސްވަނީ ވާދަކޮށްފައެވެ. ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕަކީ، ބޭޒްވޯޓާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޓެނިސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުބާރާތެކެވެ.