ޚަބަރު

ޙަމަލާތައް މެދުކަނޑައިލުމުގެ މުއްދަތު އިތުރުކޮށްފި


އީރާނާއެކު ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުން ވަކި މުއްދަތެއް ނެތް ގޮތުގައި އިތުރުކުރެއްވުމަށް ނިންމަވައި، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކަން އިޢުލާނު ކުރައްވައިފިއެވެ. ޞަހްޔޫނީންނާއި ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން ހިންގަމުންދިޔަ ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލާފައި ވަނީ އެޕްރީލު 8 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ މުއްދަތު ދަންމައިލުމަށް ނިންމެވި ނަމަވެސް، އީރާންގެ ބަނދަރުތަކުގައި އަޅުވާފައިވާ ޙިޞާރު ދެމިއޮންނާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ދަންމައިލުމަށް ނިންމަވާފައި ވަނީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް، މި ނިންމުމާމެދު ތެހްރާނުން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްގެ މުޝީރަކު ވިދާޅުވީ، މިއީ ވޮޝިންގްޓަނުގެ މަކަރުވެރި ރޭވުމަކަށް ވެދާނެ ކަމުގައެވެ. އަދި، އީރާންގެ އިސްލާމީ އިންޤީލާބީ ލަޝްކަރާ (އައިއާރްޖީސީ) ގުޅުން އޮތް ތަސްނީމް ނޫސް އޭޖެންސީން ބުނީ، ބާރުގެ ބޭނުންކޮށްގެން އެމެރިކާގެ ޙިޞާރު ފޫއަޅުވައިލުމުގެ އިންޒާރު އައިއާރްޖީސީން ދީފައިވާ ކަމުގައެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ފެށި މި ހަނގުރާމަ ލުބްނާންގެ އިތުރުން ގަލްފް ޢަރަބި ޤައުމުތަކަށް ފެތުރިގެން ގޮސްފައިވާއިރު، އެމެރިކާއާއި ޔަހޫދީންގެ ހަމަލާތަކުގައި އީރާނާއި ލުބްނާނުން 5,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ އީރާންގެ ޢާންމުންނަށް ޚިދުމަތް ދިނުމަށް ބޭޭނުންކުރާ މަދަނީ ބިނާރުތަކާއި ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގައި ވިދާޅުވެ ޓްރަމްޕް ދެއްވާފައިވާ އިންޒާރަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެ އިންޒާރުތައް ކުށްވެރިކުރައްވާފައެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާއާއި ޔަހޫދީން ވަނީ އީރާންގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދުކޮށްލާފައެވެ. ޓްރަމްޕް ވިދާޅުވީ، އެއާއެކު އީރާންގެ ސަރުކާރު ބައިބައިވެގެން ގޮސްފައިވާ ކަމުގައެވެ. އިސްލާމްއާބާދުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގެންނެވުމަށް ތެހްރާނުން އެދިފައިވާއިރު، އޭނާ އަދިވެސް ވޮޝިންގްޓަނުން ފުރާވަޑައިގަންނަވާފައެއް ނުވެއެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިޔަމްގެ ސްޓޮކާމެދު އަމަލުކުރާނެ ގޮތަކާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު، ސުލްޙައިގެ ހުޅުކޮޅު ނިވުމުގެ މަގުމަތީގައި އޮތް ކަމުގައެވެ. އަދި، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެއްވުމަށް ޓްރަމްޕް ނިންމެވި ނަމަވެސް، އީރާން ސުންނާފަތިކޮށްލައްވާނެ ކަމުގައި ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާ ގުޅިގެން މުޅި ސަރަޙައްދަށް ވެރިވެފައިވާ ބިރުވެރިކަން ފިލާފައިނުވާ ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.