ކުޅިވަރު

ވޯލްޑްކަޕް: ނައިކީ ޖާޒީތަކުގައި ރޫ ގިނަ ވަނީ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ނައިކީ ކުންފުނިން ތައްޔާރު ގިނަ ޖާޒީތަކުގައި މައްސަލަ ޖެހިއްޖެ އެވެ.

މި ގޮތުން ސަޕޯޓަރުންނާއި ކުޅުންތެރިންގެ މެޗު ޖާޒީގައި ގިނަ އަދަދަށް ރޫ ޖެހޭ ގޮތް ވުން ހިމެނެ އެވެ. ނައިކީ ކުންފުނިން ބުނީ މި މައްސަލަ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ޖާޒީގެ ކަރުގެ ވަށައިގެން ކަމަށެވެ. މިހެންވެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރޫ ޖެހޭ މިންވަރު ގިނަވެ، ކުޅުންތެރިންނަށް މީގެ ސަބަބުން ދަތިވެފައިވާކަން އެންމެ ފުރަތަމަ ފާހަގަ ކުރީ ތިން ގައުމަކުންނެވެ. އެއީ އިންގްލޭންޑާއި ފްރާންސް އަދި އުރުގުއޭ އިންނެވެ.

"ކުދިކުދި މައްސަލަ އެބައުޅޭ. އެކަންކަން ރަނގަޅު ކުރުމަށް މިހާރު ވާނީ ފަށާފައި. ޖުމުލަކޮށް ބުނާނަމަ ޖާޒީތައް ހުރީ އެންމެ ރަނގަޅަށް ހުންނަންޖެހޭ ގޮތަކަށް ނޫން. މިކަން ހައްލު ކުރެވިދާނެ،" ނައިކީގެ ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.

ނައިކީ ޖާޒީތައް ލައިގެން ލިބޭއިރު އުނދަގޫ ކަންތައްތަކެއް ހުންނަކަން ސަޕޯޓަރުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. ނައިކީ ޖާޒީތައް މި ފަހަރު ތައްޔާރު ކޮށްފައިވަނީ ކޫލިން ޓެކްނޮލޮޖީ ހިމަނައިގެންނެވެ. އެއީ މުބާރާތް ކުޅޭ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ އަށް ޖޫން، ޖުލައި މަހަކީ ހޫނު ގަދަ ދުވަސްތަކަކަށްވާތީ އެވެ.

ނައިކީގެ ޗީފް އެގްޒެކެޓިވް އެލިއޮޓް ހިލް ވިދާޅުވީ ޗީފް އިނޮވޭޝަން އޮފިސަރުގެ ބެލުމުގެ ދަށުން ޖާޒީތަކުގެ މައްސަލަތައް ހައްލު ކުރަން ފަށާފައިވާ ކަމަށެވެ.

ވޯލްޑް ކަޕުގައި ކުޅޭ 16 ގައުމަކުން ނައިޖީ ޖާޒީތައް ބޭނުން ކުރާނެ އެވެ. މުބާރާތުގައި ކުޅޭ 48 ގައުމުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފެނިގެންދާނީ ވެސް ނައިކީ ޖާޒީ އެވެ. ނައިކީ ޖާޒީ ބޭނުން ކުރާނެ ގައުމުތަކަކީ ފްރާންސް، އިންގްލޭންޑް، ޕޯޗުގަލް، ނެދަލޭންޑްސް، ކްރޮއޭޝިޔާ، ނޯވޭ، ތުރުކީ، ބްރެޒިލް، އެމެރިކާ، ކެނެޑާ، ދެކުނު ކޮރެޔާ، ސައޫދީ އަރަބިއާ، ގަތަރު އަދި އޮސްޓްރޭލިޔާ އެވެ.