ޚަބަރު

"މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ގޮތްތައް ދަނީ ރާވަމުން"


  • މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ގޮތްތައް ދަނީ ރާވަމުން

  • އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް އެބަހުރި

  • މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ޓައިމްލައިންތަކަށް ދަނީ ބަދަލުގެންނަމުން

މިވަގުތު ކުރިއަށްދާ މަޝްރޫޢުތައް އެއްކޮށް ހުއްޓާނުލާ، ޚަރަދު ކުޑަކޮށް މަޝްރޫތައް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ލިބުމުގައި ގިނަ ހުރަސްތަކެއް ހުރިކަމަށެވެ. ލަސްތަކެއް އައުމާއި ތަކެތީގެ އަގު ބޮޑުވުން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މިޙާލަތުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މަޝްރޫޢުތަކުގެ ޓައިމްލައިނަށް ބައެއް ބަދަލު ގެނެސްގެން ނަމަވެސް މަސައްކަތް ނުހުއްޓިކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތެލުގެ އަގު ދެގުނައަށް ބޮޑުވުމާއި ގުޅިން ގިނަ ޢަދަދެއްގެ ތެޔޮ ބޭނުންކޮށްގެން ކުރާ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާއި ކުރިމަތިވެފައިވޭ. އޭގެތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ކަންކަން ހިމެނޭ. މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ޚަރަދު ކުޑަވާނެ ގޮތަކަށްބަލައިގެން މަޝްރޫއުތައް ހިންގުމަށް. އެގޮތުން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކުރިއަށްގެންދިޔުމަކީ އަޅުގަނޑުމެންގެ އަމާޒު." ވަޒީރު ވިދާޅުވިއެވެ.

އިމާރާތްކުރުމާ ބެހޭ ވަޒީރު ވިދާޅުވީ ހަނގުރާމައެއް ހިނގަމުންދާ މިދަނޑިވަޅުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ. އެގޮތުން އަސާސީ ބާވަތްތައްކުގެ އަގުތައް މެނޭޖްކުރަމުން އެބާވަތްތައް ބާޒާރުން ލިބޭނެކަން ކަށަވަރުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއަށްފަހު ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރިއަށްދާ މަޝްރޫތައްވެސް ހުއްޓާނުލާ ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައިވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ރާއްޖެއަށް މިފަދަ ސާމާނު ގެންނަ ޤައުމުތައް އިތުރުކުރުމާއި އިތުރު ރޫޓުތަކުން މުދާ ގެނައުމުގެ އިތުރުން އީޖާދީގޮތެއްގައި އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ބޮޑު ހިލަ ހޯދުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.