ޔޫކްރެއިންއަށް 90 ބިލިޔަން ޔޫރޯގެ ލޯނެއް ދިނުމަށް ވިލާތުގެ އިއްތިޙާދު (އީޔޫ)އިން ރަސްމީކޮށް ފާސްކޮށްފިއެވެ.
ޔޫކްެރެއިންއަށް މާލީ ގޮތުން އެހީތެރިވުމަށް ލޯނެއް ދިނުމުގެ އިތުރުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތައް އެޅުމަށް އެ އިއްތިޙާދުން ވަނީ ފާސްކޮށްފައެވެ.
މި ލޯނުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ޔޫކްރެއިންއަށް ބޭނުންވާ ފައިސާގެ ތިންބައި ކުޅަ ދެބައި ހަމަޖެހިގެންދާނެއެވެ. ޖޫން މަހާ ހަމައަށް އީޔޫއިން ހަމަޖައްސާފައިވާ ލޯނުގެ ފައިސާ ދޫކުރަން ނުފަށާނަމަ ޔޫކްރެއިންއިން ފައިސާ ހުސްވާނެ ކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. އެ ޙާލަތުގައި ޔޫކްރެއިންގައި ޢާންމުންނަށް ދޭ ޚިދުމަތްތައް ބޮޑުތަނުން މަދުކުރަން ޖެހޭނެއެވެ.
އީޔޫގެ އިސްވެރިޔާ، އުރުސަލާ ވޮން ޑަރ ލެޔެން ވިދާޅުވީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރުކުރަމުންދާ ކަމަށެެވެ. އަދި މި ޙާލަތުގައި ޔޫކްރެއިންއިން ދިފާޢުވުމަށް އީޔޫއިން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯނު ޕެކޭޖާ ގުޅޭގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ ލޯނުގެ ސަބަބުން ޔޫކްރެއިންގެ ފައުޖު ވަރުގަދަވެ، ޤައުމުގެ ރައްޔިތުންނަށް ޢަދާކޮށްދޭން ޖެހޭ
އިޖްތިމާޢީ ޒިންމާތައް ފުރިހަމަ ކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
90 ބިލިޔަން ޔޫރޯގެ ލޯނުގެ ތެރެއިން މި އަހަރު ޔޫކްރެއިންއަށް ދޫކުރާނީ އޭގެ ދެބައިކުޅަ އެއްބައެވެ. ބާކީ ފައިސާ ދޫކުރާނީ 2027ވަނަ އަހަރުގެ ތެރޭގައެވެ. ފައިސާގެ ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ އަސްކަރީ ބޭނުންތަކަށެވެ. ޞިއްޙީ ޚިދުމަތާއި ތަޢުލީމު ހިމެނޭހެން ޢާންމު ބަޖެޓަށް 17 ބިލިޔަން ޔޫރޯ ވެސް ޚަރަދުކުރާނެއެވެ.
މި ލޯނަކީ ގިނަ ދުވަސްތަކަކަށް ފަހު ފާސްކޮށްފައިވާ ލޯނެކެވެ. ފާއިތުވި ދުވަސްތަކުގައި ލޯނު ހަމަނުޖެހި އޮތީ އީޔޫގެ މެންބަރު ޤައުމެެއް ކަމަށްވާ ހަންގޭރީއިން އެ ހުށަހެޅުން ވީޓޯ ކުރުމުގެ ސަބަބުންނެވެ.