ޚަބަރު

ޙަމަލާތައް ހުއްޓައިލި އެއްބަސްވުމުގެ އެއްވެސް މާނައެއް ނެތް: ޙިޒްބުالله


ޔަހޫދީންނާއެކު ލުބްނާންގެ ސަރުކާރުން ވެފައިވާ ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތު އިތުރު ތިން ހަފުތާއަށް އިތުރުކޮށްފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވި ނަމަވެސް، އެއީ އެއްވެސް މާނައެއް އޮތް ނިންމުމެއް ނޫން ކަމުގައި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ބުނެފިއެވެ. އެޕްރީލު 26 އަށް މުއްދަތު ހަމަވާން އޮތް މި އެއްބަސްވުމުގެ މުއްދަތު މި މަހުގެ 23 ގައި އިތުރުކޮށްފައިވީ ނަމަވެސް، ލުބްނާނުގެ ދެކުނުގައި ޔަހޫދީ ފައުޖުން ވެރިވެގަނެފައިވާ 5 އާއި 10 ކިލޯމީޓަރުގެ "ބަފަރ ޒޯނު" ސަރަޙައްދުގައި، ޔަހޫދީ ސިފައިން ދަނީ އެއްބަސްވުމާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. މި ގޮތުން، ޔަހޫދީންގެ ޢުދުވާންތަކުގައި ދެ މީހަކު ޝަހީދުކޮށްލާފައިވާއިރު، ރައްދުގައި ޙިޒްބުالله އިން ވެސް ވަނީ، ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނަކަށް ޙަމަލާދީ ވައްޓައިލާފައެވެ.

ލުބްނާންގެ ޤާނޫނުހަދާ މަޖިލީހުގައި ޙިޒްބުالله ތަމްސީލުކުރައްވާ ޢަލީ ފައްޔާޟް ވިދާޅުވީ، ސުލްޙައިގެ ނަމުގައި ޔަހޫދީ ސިފައިން އެ ޤައުމުގެ އަވަށްތައް ސުންނާފަތިކޮށް، ޢާންމު ރައްޔިތުން ޝަހީދުކުރަމުންދާ ކަމުގައެވެ. މާރިޗު 2 އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުުގައި މިހާތަނަށް ލުބްނާނުން 2,500 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު، ޙިޒްބުاللهގެ ރައްދު ޙަމަލާތަކުގައި ވެސް ޔަހޫދީ ޢާންމުންގެ ދެ މީހުންނާއި 15 ސިފައިން ވަނީ މަރައިލާފައެވެ. ލުބްނާންގެ ދެކުނުގައި އޮތް އިތުރު އަވަށެއް ހިފުމަށް ނިންމާފައިވާ ކަން ވެސް ޔަހޫދީ ފައުޖުން ވަނީ އިޢުލާނުކޮށްފައެވެ.

ލުބްނާންގެ ޢާންމު ރައްޔިތުން ބުނީ، ޙަޤީޤީ މާނައިގައި ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިނުލާ ނަމަ ސުލްޙަ ޤާއިމުވެފައިވާ ކަމަށް ޤަބޫލުކުރެވެން ނެތް ކަމުގައެވެ. އަދި، ސުލްޙަ ދެމިއޮތް ކަމުގައި ޓްރަމްޕް ވިދާޅުވަމުން ގެންދެވުމަކީ، އިންސާނީ ބުއްދިއަށް ކުރާ މަލާމާތެއްގެ ގޮތުގައި ބައިރޫތުގެ ރައްޔިތުން ސިފަކުރެއެވެ. ލުބްނާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަދާ މުޢައްވަޟު ވަނީ، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އިޙުތިރާމްކޮށް، މާނަހުރި މަޝްވަރާތަކަށް ފުރުޞަތު ދިނުމަށް ޔަހޫދީންނާއި އެމެރިކާއަށް ގޮވައިލައްވާފައެވެ. ލުބްނާނުގެ އަމާޒަކީ ކުރިއަށް އޮތް މަޝްވަރާތަކުގައި ޔަހޫދީ ސިފައިން އެ ޤައުމުގެ ބިންތަކުން ބޭރުކޮށް، ސިޔާދަތީ މިނިވަންކަން ކަށަވަރު ކުރުމެވެ.

މި ނުތަނަވަސްކަމުގެ ތެރެއިންވެސް، ޓްރަމްޕް ވަނީ ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި ލުބްނާނުގެ ރައީސް ޔޫސުފް ޢަވްންއާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަން އިޢުލާނުކުރައްވާފައެވެ. އޭނާ އުންމީދު ކުރައްވަނީ މި އަހަރު ނިމުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ދާއިމީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރެވުމެވެ. ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ޔަހޫދީ ފައުޖުގެ ޑްރޯންތައް އަދިވެސް ބައިރޫތުގެ މަތިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން ދާއިމީ ސުލްޙައަކަށް އޮތް މަގު އަދިވެސް ފެންނަނީ ނުހަނު ދުރު އަދި އުނދަގޫ މަގެއްގެ ގޮތުގައި ކަމުގައެވެ.