"ރާއްޖެ ޖޫނިއަރސް" ފުޓުބޯޅަ މުބާރާތުގައި، ކެޔޮދޫ ސްކޫލް އަދި މާފުށީ ސްކޫލް ބައްދަލުކުރި މެޗު، 0-1 ގެ ނަތީޖާއަކުން މާފުށީ ސްކޫލުން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް، ދެޓީމުންވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ.
ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، ކެޔޮދޫ ސްކޫލަށް ވަނީ ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ދެވަނަ ހާފުގެ 3 ވަނަ މިނެޓުގައި މާފުށީ ސްކޫލް ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލާ ގުޅިގެން ކެޔޮދޫ ސްކޫލަށް ލިބުނު ޕެނަލްޓީ ފޮނުވާލެވުނީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެފަހުން ގިނައިރުތަކެއް ނުވެ، ކެޔޮދޫއަށް ރަނގަޅު ހިސާބަކުން ހިލޭޖެހުމެއްވެސް ލިބުނެވެ. ނަމަވެސް، މި ފުރުސަތުގައި ފޮނުވާލި ބޯޅައިގައި ބާރެއް ނެތި ގޮސް އަމާޒުވީ މާފުށީ ކީޕަރު އަތަށެވެ.
ކެޔޮދޫ ސްކޫލަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ފައިދާ ނަގާ، މާފުށީ ސްކޫލުން ވަނީ ލިބުނު ހިލޭ ޖެހުމެއްގައި މެޗުގެ ލީޑު ނަގާފައެވެ. އެ ޓީމުން މި ގޯލު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައެވެ.
މާފުށީ ސްކޫލުން ގޯލު ޖެހުމާއެކު، ކެޔޮދޫ ސްކޫލުން ވަނީ ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މި ހުރިހާ މަސައްކަތެއް ނާކާމިޔާބުކޮށްލީ މާފުށީގެ ކީޕަރުގެ ހުށިޔާރުކަމެވެ.
މި ދެޓީމުވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން، މާފުށީ ސްކޫލް މުޙްޔިއްދީން ސްކޫލް އަތުން މޮޅުވެފައިވަނީ 2-5 ގެ ނަތީޖާއަކުންނެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ކެޔޮދޫ ސްކޫލުން ހުރަވީ ސްކޫލްގެ މައްޗަށް ކުރިހޯދާފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު، މާފުށީ ސްކޫލް ކުޅުނު 2 މެޗުން ލިބުނު 6 ޕޮއިންޓާއެކު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ކެޔޮދޫ ދެވަނައިގައި އޮތީ 3 ޕޮއިންޓާއެކުއެވެ. ގޯލުގެ ތަފާތުން ހުރަވީ ސްކޫލް ގްރޫޕުގެ ތިންވަނައިގައި އޮތް އިރު، މި ގްރޫޕުގެ ފުލުގައި އޮތީ މުޙްޔިއްދީން ސްކޫލުންނެވެ.
މިއަދު ހަވީރު، މުބާރާތުގެ އިތުރު މެޗެއް ކުޅޭނެއެވެ. މިއަދު 16:30 ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ހިރިޔާ ސްކޫލް އަދި ރެހެންދި ސްކޫލެވެ.