ޚަބަރު

މޭޔަރު އާޒިމަށް ޙަމަލާ ދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޢުމުރުން 35 އަހަރުގެ ޢަބްދުﷲ މުޢާޒް

  • އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ވަނީ ޢަމުރުކޮށްފައި

މާލެ ސިޓީ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ޙަމަލާދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ގ. އީރީ އުމުރުން 35 އަހަރުގެ ޢަބްދުﷲ މުޢާޒް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މޭޔަރު އާޒިމަށް މާލޭގެ މަގުމަތިން ޙަމަލާދޭން މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން އެވަގުތު މޭޔަރުގެ އަރިހުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފައެވެ.

މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އެމަނިކުފާނުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާ ކަމަށް ވިދާޅުވިއެވެ.