ޚަބަރު

ބުރު މެޗަކީ ގައްދޫން ފުރަތަމަ ޕޮއިންޓު ހޯދާ މެޗަށްވުމުގެ އުއްމީދު ބޮޑު: ނަޒީޙް


  • ގައްދޫއަށް ވެސް ބުރަށް ވެސް އަދި ޕޮއިންޓެއް ނުހޯދޭ

  • ގައްދޫއާއި ބުރު ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ މެޗަކީ ލީގުގައި ގައްދޫ ރެކްރިއޭޝަން ކުލަބުން ފުރަތަމަ ޕޮއިންޓު ހޯދާ މެޗަށްވުމުގެ އުއްމީދު ބޮޑުކަމަށް އެކުލަބުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަދައްކަމުން ނަޒީހު ބުނީ، މި މެޗުގައި ނަތީޖާ ނެރެވިދާނެކަމާމެދު ވަރަށް އުއްމީދު ކުރާ ކަމަށާއި ބުރު ސްޕޯޓްސް ކުލަބާއި ގައްދޫއަކީ ވަރަށް ހަމަހަމަ ދެޓީމު ކަމަށެވެ.

"ރަނގަޅު ދުވަހެއްގައި" ރަނގަޅަށް ކުޅެއްވިއްޖެނަމަ މި ދެޓީމަކީ ވެސް މި މެޗުން މޮޅުވެވޭނެ ފެންވަރުގެ ދެޓީމުކަމަށް ނަޒީހު ބުންޏެވެ.

ލީގުގައި ކުޅޭ ބައެއް ކުލަބުތަކުގައި ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ވަކިވަކި ކުޅުންތެރިން ތިބިކަން ފާހަގަކޮށް، ބުރުގައި ވެސް އަދި ގައްދޫގައި ވެސް އެފަދަ ކުޅުންތެރިއަކު ނެތްކަމަށް ނަޒީހު ބުންޏެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް، "ތަންކޮޅެއް ސަމާލުވެގެން" ކުޅެފިނަމަ މި މެޗަކީ ނަތީޖާ ނެރެވޭނެ މެޗެއްކަމަށް ގަބޫލުކުރާކަމަށް ނަޒީހު ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ގައްދޫއިން ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެފައެވެ. މިއިން އެއްވެސް މެޗަކުން ގައްދޫ މޮޅުވެފައި ނުވާއިރު، ބައިކޮޅަށް 12 ލަނޑު ވަދެފައިވެއެވެ. ޓީސީ ސްޕޯޓްސް ކުލަބު ފިޔަވައި ގައްދޫއިން މިހާތަނަށް ކުޅުނު ޓީމުތަކަކީ ލީގު ތާވަލަށް ބަލާލާއިރު އެންމެ މަތިން ޖާގަހޯދާފައިވާ ޓީމުތަކެވެ. އެގޮތުން ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް އީގަލްސްއާ ކުޅެ 0-2 އިން ގައްދޫ ބަލިވިއިރު ތިންވަނައިގައި އޮތް ނިއުރޭޑިއަންޓު އަތުން ވެސް ގައްދޫ ބަލިވީ 0-2 އިންނެވެ. އަދި ހަތަރުވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބު އަތުން ގައްދޫ 0-4 އިން ބަލިވިއިރު، ތާވަލުގެ އަށްވަނައިގައި އޮތް ޓީސީ އަތުން ގައްދޫ ބަލިވީ 2-4 އިންނެވެ.

މި މެޗުގައި ގައްދޫއާ ދެކޮޅަށް ނުކުންނަ ބުރު ސްޕޯޓްސް ކުލަބަށް ވެސް މިހާތަނަށް ޕޮއިންޓެއް ހޯދިފައި ނުވާއިރު، ގައްދޫ މެޗަކީ ބުރުގެ ހަތަރުވަނަ މެޗެވެ. ބުރު ބަލިވި ތިން ޓީމުގެ ތެރެއިން އޮޑި ސްޕޯޓްސް ކުލަބު ފިޔަވައި ދެން އޮތް ދެޓީމަކީ ގައްދޫއެކޭ އެއްގޮތަށް، އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ދިއްދޫ ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބެވެ.