ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ޞަބާހު މުޙައްމަދު ހަމަޖައްސައިފިއެވެ.
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެމަގާމަށް އޭނާ ހަމަޖެއްސުމާ ގުޅިގެން ގައުމީ ޓީމުން މިހާރުވަނީ އޭނާގެ އިރުޝާދުގެ ދަށުން މުބާރާތަށް ތައްޔާރުވާން ފަށާފައެވެ. މިވަގުތު ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާވެސް ހަވާލުވެގެން އިރުޝާދުދެމުން އަންނަ ޞަބާހަކީ ކޯޗިންގެ ތަޖުރިބާތައް ގިނަ ކޯޗެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާވަނީ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާއަށްވެސް އިރުޝާދުދީފައެވެ.
އަންނަ މަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ރާއްޖެ ހިމެނޭ ގްރޫޕް ބީގައި އޮތް ބަންގްލަދޭޝްއިން ވަނީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ހޯދާފައެވެ. އޭގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އިންޑިއާ އިން ވަނީ މިމުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލާފައެވެ.
މުބާރާތުގެ ރާއްޖެއިން އެންމެ ފުރަތަމަ ނުކުންނާނީ މުބާރާތް ފަށާ ދުވަސްކަމަށްވާ މެއި 25 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ. އެއަށްފަހު ދެ ވަނަ މެޗަށް މެއި މަހުގެ 29 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ބަނގްލަދޭޝާއި ދެކޮޅަށެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގައި ހިމެނެނީ ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާން އެވެ. މިއަހަރުގެ މުބާރާތުން ޕާކިސްތާނެއް ނުފެންނާނެއެވެ. ސަބަބަކީ ޕާކިސްތާނާއި ސިޔާސީ ގޮތުން ނުތަނަސްކަން ބޮޑުވެފައިވާ އިންޑިއާގައި މުބާރާތް ބާއްވަން ނިންމުމެވެ. އެހެންކަމުން ޕާކިސްތާނުން ވަނީ މުބާރާތުގައި ވާދަނުކުރާނެކަން އިއުލާންކޮށްފައެވެ.