ޚަބަރު

ޢަރަބިއްޔާ ސްކޫލުގެ މައްޗަށް ކ. އަތޮޅު މަދަރުސާއަށް ބޮޑު މޮޅެއް


  • ކ. އަތޮޅު މަދަރުސާއިން މެޗު ކާމިޔާބުކުރީ 0-6 ގެ ނަތީޖާއަކުން

  • ޢަރަބިއްޔާ ކުޅުނު ދެ މެޗުން އެ ޓީމު ކޮޅަށް 19 ގޯލު ވަދެފައިވޭ

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި، ޢަރަބިއްޔާ ސްކޫލުގެ މައްޗަށް ކ. އަތޮޅު މަދަރުސާއިން 0-6 ގެ ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ ކ. އަތޮޅު މަދަރުސާއިން މެޗުގެ ލީޑު ނެގީ މެޗުގެ 2 ވަނަ މިނެޓުގައެވެ. ލަނޑު ޖެހުމާ ހަމައިން އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓާ، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް، ޢަރަބިއްޔާ ސްކޫލުން ވަނީ ފުރަތަމަ މެޗާ ބަލާއިރު އެ ޓީމުގެ ކުޅުން ބޮޑުތަނުން ރަނގަޅުކޮށް، ކ. އަތޮޅު މަދަރުސާއިން އުފައްދަމުންދިޔަ ހަމަލާތައް ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ކ. އަތޮޅު މަދަރުސާއިން ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ލައިންސްމަން ނިންމެވީ އެއީ އޮސްފައިޑް ގޯލެއް ކަމަށެވެ. ނަމަވެސް އޭގެ ސިކުންތުކޮޅެއް ފަހުން ކ. އަތޮޅު މަދަރުސާއިން ވަނީ އެޓީމުގެ ދެވަނަ ގޯލު ޖަހާ، ލީޑު ފުޅާކޮށްފައެވެ. އަދި އޭގެ އެންމެ 4 ވަރަކަށް މިނެޓު ފަހުން އެޓީމުން ވަނީ 3 ވަނަ ގޯލެއްވެސް ކާމިޔާބުކޮށްފައެވެ.

މެޗު ފަށައިގެން ޢަރަބިއްޔާ ކުޅުންތެރިން ރަނގަޅު ކުޅުނު ނަމަވެސް، ކ. އަތޮޅު މަދަރުސާގެ ހަމަލާތައް ވަރުގަދަވުމުން އަރަބިއްޔާ ފަހަތުން ވަނީ ބާރުބޮޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން، ކ. އަތޮޅު މަދަރުސާއިން ވަނީ ފުރަތަމަ ހާފުގެ ފަހުވަގުތު، ކައިރިކައިރީގައި 3 ގޯލު ކާމިޔާބުކޮށް، 6 ގޯލުގެ ލީޑެއް ނަގާފައެވެ. މިއާއެކު، ކ. އަތޮޅު މަދަރުސާއިން ޑޮމިނޭޓުކޮށް، މޮޅު ކުޅުމެއް ދައްކާފައިވާ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-6 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފުގައިވެސް ކ. އަތޮޅު މަދަރުސާއިން ރަނގަޅަށް ކުޅެ، ނުރައްކާތެރި ހަމަލާތަކެއް އުފެއްދިނަމަވެސް ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މި ނަތީޖާއާ، ގްރޫޕް 6 ގެ 1 ވަނައިގައި އޮތީ ކ. އަތޮޅު މަދަރުސާއެވެ. ފައިދާ ގޯލުގެ ތަފާތުން ޞަލާޙުއްދީން ސްކޫލް 2 ވަނައިގައި އޮތް އިރު، 3 ވަނައިގައި އޮތީ ގުރައިދޫ ސްކޫލެވެ. ގްރޫޕްގެ 4 ވަނައިގައި ޖަމާލުއްދީން ސްކޫލް އޮތް އިރު، ގެއްލުން 10 ގޯލާއެކު ގްރޫޕްގެ ފުލުގައި އޮތީ ޢަރަބިއްޔާ ސްކޫލެވެ.