ކުޅިވަރު

އީރާންގެ އޮފިޝަލުންނަށް ކެނެޑާއިން ވިސާއެއް ނުދިން


ފީފާ ކޮންގްރެސްގައި ބައިވެރިނުވެ އިރާނުގެ އޮފިޝަލުން ކެނެޑާއިން އެނބުރި ގައުމަށް ހިނގައްޖެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އަށް ވަޑައިގަތީ އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެންމެ މަތީ ފެންވަރުގެ ވަފުދެކެވެ. ނަމަވެސް އިރާނުން ބުނީ ކެނެޑާގެ އެއާޕޯޓުން އެ ގައުމުގެ އިމިގްރޭޝަނުގެ އޮފިޝަލުންގެ އަމަލުތައް ހުރީ މަލާމާތާއި ފުރައްސާރަ ކުރާ ގޮތަކަށް ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިހެންވެ އިރާނުގެ އޮފިޝަލުން ވަނީ އެންމެ އަވަހަށް ފުރަން އޮތް ފްލައިޓުން ޖާގަ ހޯދައިގެން ތުރުކީ އަށް ވަޑައިގެންފަ އެވެ. އަދި މިހާރު ވަނީ އެނބުރި ގައުމުގަ އެވެ.

ކެނެޑާގައި ބާއްވާ ފީފާ ކޮންގްރެސް އަށް ވަޑައިގަތް އިރާނުގެ ވަފުދުގެ އިސް އޮފިޝަލަކީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އެވެ. ކެނެޑާއިން އެ ގައުމަށް އެތެރެ ނުވެވޭނެ ކަމަށް ބުނީ ވެސް އޭނާ އަށެވެ. ސަބަބެއް ކަމަށް ބުނީ އޭނާ އަކީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ކުރީގެ މެމްބަރަކަސް ވުމެވެ.

"މިއީ އަމިއްލަ ، އަމިއްލަ އަށް ނިންމި ނިންމުމެއް ނޫން. މިއީ މިކަނ ހަމަޖެހިފައިވާ ގޮތް. މިއީ ގަސްތުގައި ކުރާ ކަމެއް ނޫން. އަހަރެން މިކަން ދޫކޮށްލާނީ ކެނެޑާގެ މިނިސްޓަރު ގޮތެއް ނިންމަން،" އިމިގްރޭޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.

އިރާނުގެ މީޑިއާތަކުން ބުނަނީ ކެނެޑާ އަށް އެތެރެ ނުވެވެނެ ކަމަށް ތާޖް އަރިހުގައި ކެނެޑާގެ އިމިގްރޭޝަނުން ބުނީ އޭނަ އަށް ފުލް ވިސާ ވެސް ދިނުމަށްފަހު ކަމަށެވެ. ނަމަވެސް ފަހުން މި ވިސާ ވަނީ ކެންސަލް ކޮށްފައި ކަމަށެވެ. އެކަން އެނގުނީ ކެނެޑާ އަށް ވަޑައިގަތުމުން ކަމަށެވެ.

މި މައްސަލާގައި ކެނެޑާއިން ބުނަނީ އެ ގައުމުން ދީފައިވާ ވިސާ އެކަމާ ބެހޭ އިމިގްރޭޝަން އޮފިޝަލުން ވަކިވަކިން ބަލާނެ ކަމަށާއި އެ ގައުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާ ގުޅުންހުރި މީހަކަށް އެތެރެ ނުވެވޭނެ ކަމަށެވެ.

މިއާއެކު އިރާނަށް ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން ދެ ގައުމަކުން މައްސަލަ ދިމާވީ އެވެ. މުބާރާތް ބާއްވާ މައި ގައުމު އެމެރިކާއިން ވެސް ވަނީ އިރާނަށް ވިސާ ދިނުމާއި އެނޫން ކަންކަންމުގައި ތާށި ކުރަމުންނެވެ.